ކިންގް ސަލްމާން މިސްކިތް.
ކިންގް ސަލްމާން މިސްކިތް.
ސައުދީ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތްކުރި "ކިންގް ސަލްމާން މިސްކިތް" ނުހުޅުވައިގެން މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ސަރުކާރާ ސުވާލުކުރައްވަމުން ވިދާޅުވީ، އެ މިސްކިތް ނުހުޅުވި ހުރީ އަދިވެސް މިސްކިތުގެ މަސައްކަތް ނުނިމޭތީތޯއެވެ؟

މުއިއްޒު ވިދާޅުވި ގޮތުގައި، ޝެޑިއުލްގައި އޮތީ ސަލްމާން މިސްކިތް 2019 ވަނަ އަހަރު ނިންމާ ގޮތަށެވެ. އެގޮތުން އެ އަހަރުގެ ޖުލައިމަހު މިސްކިތުގެ މަސައްކަތް ނިމޭނެ ކަމަށް އޭރު އޮތް ޝެޑިއުލުން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކީރިތި ގުރުއާނާ ބެހޭ މަރުކަޒު އެ މިސްކިތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބޭ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.



ސައުދީ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި އިމާރާތްކުރި މިސްކިތުގެ މަސައްކަތް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ. އެ ތަން ހުޅުވުމަށް، ކޯވިޑް-19 ބަލިމަޑުކަން ފެތުރުމުގެ ކުރިން ސައުދީ ސަރުކާރާއެކު މަޝްވަރާކުރި ނަމަވެސް ފަހުން މެދުކަނޑާލީ ކަމަށް ވެސް އެ މިނިސްޓްރީން އޭރު ބުންޏެވެ. އެމިނިސްޓްރީން ބުނެފައިވާ ގޮތުގައި ސައޫދީ ސަރުކާރުގެ އޮފިޝަލަކު ރާއްޖެ ވަޑައިގެން މިސްކިތް ހުޅުވުމާ ގުޅޭ މަޝްވަރާތައް އަލުން ވަނީ ފަށައިފަ އެވެ. ނަމަވެސް މިސްކިތް ހުޅުވޭނެ ތާރީހެއް އަދި ނޭނގޭ ކަމަށް ބުންޏެވެ.

ކިންގް ސަލްމާން މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ބަޖެޓަކާ އެކު އެވެ. މި އަހަރުގެ ރޯދަ މަހު އެ މިސްކިތް ހުޅުވަން ރައީސް އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް، އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުންޏެވެ. ނަމަވެސް ކޮވިޑާ ހެދި އެ މަސައްކަތް މެދުކަނޑާލީ އެވެ.

ސައޫދީ ރަސްގެފާނުގެ ޚަރަދުގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ މަސައްކަތްތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން