އަމިއްލަ އެދުން ފުއްދަންވުމުން ދިވެހިންނަށް ބޭރުމީހުންވެސް ވަރިހަމަވާ ކަމަށް ވިދާޅުވެ އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ނަފާ ނަސީމް މިފަދަ ރައްދެއް ދެއްވާފައިމިވަނީ، ރާއްޖެއަށް އިންޑިއާއިން އަތްގަދަ ކުރަމުން ގެންދާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން އިންޑިއާ އައުޓް ކެމްޕޭން ކުރިއަށް ގެންދަނިކޮށް، ރައީސް ޔާމީން މިނިވަން ކުރުމަށް އިންޑިއާގެ އެހީތެރިކަމަށް ކުރީގެ ނައިބުރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އެދިވަޑައިގެންފައި ވަނިކޮށެވެ.

ރައީސް ޔާމީންގެ ޖަލު ޙުކުމާ ގުޅިގެން ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް، އަދި ފަހުން އިތުބާރު ނެތްކަމަށް ފާސްކޮށް ނައިބުރައީސްކަމުން ވަކިކުރެއްވި ޑރ. ޖަމީލް ވަނީ، އިންޑިއާ ކަނޑުގެ ހަމަޖެހުމަށްޓަކައި ރައީސް ޔާމީން ދޫކޮށްލުމަށް ދިވެހި ސަރުކާރަށް ބާރު އަޅުއްވައި ދެއްވުމަށް ސަރަޙައްދީ ޤައުމުތަކުގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.

އެގޮތުން ޑރ. ޖަމީލް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި، ސްރީލަންކާގެ ރައީސް ރާޖަޕަކްސަ އާއި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނަށް މި ގޮވާލެއްވުން އަމާޒު ކުރަށްވާފައެވެ.

ޑރ. ޖަމީލްގެ ގޮވާލެއްވުމާ ގުޅިގެން ނަފާ ނަސީމް ވިދާޅުވީ، ދިވެހިންނަކީ ވަރަށް ފަހުރުވެރިބައެއް ކަމަށް އަބަދުވެސް ބުނެއުޅޭ ކަމަށެވެ. އަދި ދިވެހިންގެ ދާހިލީ އަދި ހާރިޖީ ކަންކަމުގައި ބޭރުމީހުންގެ ބަސް އޮތުމަށް ދިވެހިން ވަރަށް ބޮޑަށް ނުރުހޭ ކަމަށް ދިވެހިން އަބަދުވެސް ބުނެއުޅޭކަމަށް ނަސީމް ވިދާޅުވިއެވެ. ނަމަވެސް އަމިއްލަ އެދުމާ ޖެހުމުން ދިވެހިންނަށް ބޭރުމީހުންވެސް އޯކޭވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

"އެކަމަކުވެސް ދިވެހިންގެ އަމިއްލައެދުން ފުއްދަން ވަރިހަމަޔޯ ބޭރުމީހެއްގެ ބރގ ދޫލަންވެސް. މުނާފިގުކަމުގެ ވެސް އިންތިހާ.." ނަސީމް ވިދާޅުވެފައިވެއެވެ.



ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއެކު އިނގިރޭސިވިލާތުން ސިޔާސީ ޙިމާޔަތް ހޯއްދައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައިވަނީ ޖޭއެސްސީ އިސްވެއޮވެ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން އުފައްދާފައިވާ އަސްލެއްނެތް ސިޔާސީ ދަޢުވާތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ރާއްޖޭގެ ހަމަޖެހުމަކީ އިންޑިއާކަނޑުގެ ހަމަޖެހުން ކަމަށާއި އެހެން ކަމުން ރައީސް ޔާމީން މިނިވަން ކުރުމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ޙުކުމް ކޮށްފައެވެ. އަދި އެ ޙުކުމް ހައިކޯޓުގައި ރައީސް ޔާމީން އިސްތިއުނާފް ކުރެއްވުމުން ހައިކޯޓުންވެސް ވަނީ ދަށުކޯޓުގެ ޙުކުމަށް ތާޢީދު ކޮށްފައެވެ. އެހެން ކަމުން ރައީސް ޔާމީން މިވަގުތު ގެންދަވަނީ މާފުށީ ޖަލުގައި އެ ޙުކުމް ތަންފީޛު ކުރަށްވަމުންނެވެ. މި މައްސަލަތަކުގައި ރައީސް ޔާމީންގެ ދިފާޢީ ވަކީލުންގެ ޓީމްގެ އިސް ވަކީލަކީ ޑރ. ޖަމީލެވެ.



ކިޔުންތެރިންގެ ހިޔާލު