ކިންގް ސަލްމާން މިސްކިތް ކުރީ ސަރުކާރުން ޢިމާރާތްކުރީ ސަޢުދީން ބުނި ގޮތަށް ނޫންކަމަށް އެސްޓީއޯގެ ކުރީގެ ޗެއަރމަން ހިޔަލީ މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ސިޔާސީ މައިދާނުގައި، މިހާރު ޖަލުގައިއޮންނެވި ކުރީގެ ރައީސް ޔާމީންގެ އެންމެ އަރިސް އެއްބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހިޔަލީ ރަޝީދަކީ މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މިހާރު ވެރިކަން ކުރާ ކޯލިޝަނާ ބައިޢަތު ހިއްޕެވި ބޭފުޅެކެވެ. އަދި އޭގެ ފަހުން ހިޔަލީ ގެންދަވަނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގެވި ބައެއް ޕްރޮޖެކްޓް ތަކުގެ ޙަޤީޤަތްތައް ޢާއްމުންނަށް ތިލަކޮށްދެއްވައި، އެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ހިޔަލީ ރަޝީދު މިއަދު ވަނީ ކިންގް ސަލްމާން މިސްކިތާ ގުޅޭ ބައެއް ވާހަކަތައްވެސް މީޑިއާއަށް ތިލަކޮށްދެއްވާފައެވެ.

ކިންގް ސަލަމާން މިސްކިތުގެ މަސައްކަތް ނުނިމި އެ މިސްކިތް ހުޅުވުން ލަސްވަމުންދާ މައްސަލައިގައި ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީ ހިންގެވި ޑރ. މުއިއްޒު މިއަދު ވަނީ މިސްކިތް ނުހުޅުވި ލަސްވާ ސަބަބު ހާމަކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

އެކަމާ ގުޅިގެން ހިޔަލީ ރަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒްގެ ޚަރަދުގައި އިމާރާތްކުރަން ފެށި މިސްކިތުގެ މަސައްކަތް ފެށީވެސް އެކަމަށް ބޭނުންވާ ފައިސާ ހަމަ ޖެހިގެން ކަމަށެވެ. ނަމަވެސް ފައިސާ ހަމަޖެހުމުން އެ މިސްކިތުގެ ފްލޯ އެއް މަދުކޮށްފައިވާ ކަމަށް ހިޔަލީ ވިދާޅުވިއެވެ.

"އެ މަސައްކަތް ކުރިއަށް ގެންގޮސް ކޮންޓްރެކްޓަރަށް ފައިސާ ދޫކުރަމުން ދަނީ އޭރުވެސް މިހާރުވެސް ސަޢުދީ އެމްބަސީން ކަމަށް މަޢުލޫމާތު ލިބޭ." ހިޔަލީ ވިދާޅުވެފައިވެއެވެ.



ހިޔަލީގެ ޓްވީޓްގައި ވަނީ، އެ މިސްކިތް ހުޅުވުމަށް ސަޢުދީގެ މަތީ ފެންވަރުގެ ވަފުދެއް މާޗް މަހުގެ 31 ގައި ރާއްޖެ ވަޑައިގަންނަވާ ކަމުގެ އިޝާރާތެއް ޑރ. މުޢިއްޒަށް ދެއްވާފައެވެ.

ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒްގެ ޚަރަދުގައި ކިންގް ސަލްމާން މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ބަޖެޓަކާ އެކު އެވެ. މިދިޔަ އަހަރުގެ ރޯދަ މަހަށް އެ މިސްކިތް ހުޅުވަން ރައީސް އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް، އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުންޏެވެ. ނަމަވެސް ކޮވިޑާ ހެދި އެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު