މާލޭ ލޮނުޒިޔާރަތް ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މާލޭ ލޮނުޒިޔާރަތް ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވެފައިވާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގެ ޕާކުތައް ހުޅުވާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ ބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުން އިތުރުވާން ފެށުމުން މެންދަމު 12:00 އިން ފެށިގެން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގައި ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހަށް ކަރަންޓީނު ކުރުމަށް އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

އެކަމާގުޅިގެން މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވެފައިވާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގެ ޕާކުތައް ހުޅުވާ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން 30 ޖެނުއަރީން ފެށިގެން ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކު ހުޅުވާނީ ފަތިހު 5 އިން ހެެނދުނު 8ށް ކަމަށާއި، އަދި ހަވީރު 5:00 އިން ރޭގަނޑު 8:00އަށް ވެސް ޕާކްތައް ހުޅުވާފައި ހުންނާނެ ކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.



ކޯވިޑް-19 ފެތުރެމުންދާތީ މާލެ ސަރަހައްދުގައި ދަންވަރު ބޭރަށް ނުކުމެ އުޅުން މަނާ ކުރެވިފައި ވީނަމަވެސް ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކާއި އިމަޖެންސީ ހާލަތުގައި ސިއްހީ ފަރުވާ ހޯދަން ނުކުމެ އުޅުން ވަނީ ހުއްދަކޮށްފައެވެ. އަދި ސިފައިންނާއި ފުލުހުންނާއި ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލާންސް އަދި އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތައް މި އެންގުމުން އިސްތިސްނާ ވެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދުވަސް ކޮޅަކަށް ރަނގަޅުވެ ޕޮޒިޓިވް ވާ މީހުންގެ އަދަދު މަދުވެގެން ދިއުމަށްފަހު އަނެއްކާވެސް ކޯވިޑްގެ ހާލަތު ގޯސްވެ ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރުވަނީ ސަތޭކައިން މައްޗަށް އަރާފައެވެ. ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ކޮވިޑްގެ ހާލަތު ކުއްލިއަކަށް ގޯސްވެގެން ދިޔައީ ކޮވިޑާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މާބޮޑަށް ލުއި ދިނުމާއެކު އާންމު ރައްޔިތުން ކޮވިޑުން ރައްކާތެރި ވުމުގައި އަމަލުކުރަން އަންގާފައިވާ ޚާއްޞާ އުސޫލުތަކަށް އަމަލު ކުރުމުގައި ފަރުވާ ކުޑަކުރަން ފެށުމުންނެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 51 އަށް އަރާފައެވެ. އެއީ 43 ދިވެހިންނާއި، 8 ބިދޭސީންނެވެ. އަދި މިއަހަރުގެ ފުރަތަމަ 26 ދުވަހު ކޯވިޑް ޖެހިގެން ރާއްޖެއިން 3 މީހުން ވަނީ ނިޔާވެފައެވެ. އެއީ މިމަހުގެ ހަތްވަނަ ދުވަހު ނިޔާވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި، 21 ވަނަ ދުވަހު ނިޔާވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި، 25 ވަނަ ދުވަހު ނިޔާވި 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން