ފިންލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވާފައިވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ހަރޯ ކަމަރައިނެން.
ފިންލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވާފައިވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ހަރޯ ކަމަރައިނެން.
ދިވެހިރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ލިބޭ ކުރިއެރުންތައް ފެނިވަޑައިގެންނެވުމުން އުފާ ކުރަށްވާ ކަމަށް ފިންލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ހަރޯ ކަމަރައިނެން ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ބަލައި ގިންތިކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް 2020 ގައި 2019 ވަނަ އަހަރާ އަޅާބަލާއިރު ދިވެހިރާއްޖެއަށް ލިބިފައިވާ ކުރިއެރުން ފާހަގަ ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ. ސަފީރު ވިދާޅުވީ މިފަދައިން ކުރިއެރުންތަކުން ގައުމުގެ ވިޔަފާރިތައް ކުރިއަރައި އިތުބާރު ބޮޑުވެ އިތުރު މަންފާތައް ލިބިގެން ދާނެކަމަށެވެ.

"ދިވެހިރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ކުރިއެރުންތައް ލިބެމުން ދިއުމަކީ އުފާވެރިކަމެއް. މިފަދައިން ލިބޭ ކުރިއެރުންތަކުން ވިޔަފާރިތަކަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ." ފިންލޭންޑް ސަފީރު، ހަރޯ ކަމަރައިނެންގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް އަކީ ދުނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ބަލައި ގައުމުތައް ގިންތިކޮށް ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން އަހަރަކު އެއްފަހަރު ނެރޭ ލިސްޓެކެވެ. މިގޮތުން 2019 ވަނަ އަހަރާއި އަޅާ ބަލާއިރު، 2020 ވަނަ އަހަރުގެ މިލިސްޓުގައި ދިވެހިރާއްޖެ މިވަނީ 55 ދަރަޖަ ކުރިއަށް ޖެހިލައިފައެވެ. ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް 2020 ގައި ދައްކާ ގޮތުން ރާއްޖެއަށް 2020 އަހަރު 43 ޕޮއިންޓް ލިބި ގައުމުތަކުގެ ތަރުތީބުން 75 ވަނަ ދަރަޖައިގައި ހިމެނިފައިވެއެވެ. މިއީ މިދިޔަ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ގައުމުތައް ތަރުތީބު ކުރެވިފައިވާ ދަރަޖައިން 55 ދަރަޖައިގެ ކުރިއެރުމެކެވެ. އަދި 14 ޕޮއިންޓްގެ ކުރިއެރުމެކެވެ.

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް އިން ލިބުނު ކުރިއެރުމާއި ގުޅުވައިގެން ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތުގެ ނަތީޖާ ރަނގަޅު ވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކޮރަޕްޝަން މުލުން ލުހެލައި ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ވައުދެކެވެ. އަދި މިކަން ހާސިލު ކުރުމަށް ސަރުކާރުން ވަނީ ކޮރަޕްޝަނާ ދެކޮޅަށް ސިޔާސަތެއް އެކުލަވާލައި އަމަލު ކުރަން ވެސް ފަށާފައެވެ. މިގޮތުން ކޮރަޕްޝަން ރިޕޯޓް ކުރުމަށް ޚާއްޞަ ޕޯޓަލެއް ގާއިމުކޮށް ވިސްލް ބްލޯ ކުރާ މީހުން ހިމާޔަތް ކުރުމަށް ގާނޫނެއް އެކުލަވާލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން