މިނިސްޓަރ ޒަހާ ވަހީދު - ފޮޓޯ މަޖިލިސް
މިނިސްޓަރ ޒަހާ ވަހީދު - ފޮޓޯ މަޖިލިސް
ގދ. ތިނަދޫގައި ގާއިމްކުރާ ސަރަހައްދީ މަސް ގަންނަ ސެންޓަރާއެކު، ހުވަދު އަތޮޅުގެ މަސްވެރިންނަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަހާ މިހެން ވިދާޅުވީ، އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ތިނަދޫގައި ގާއިމް ކުރެވޭ މަސް ގަންނަ ސެންޓަރުގެ ޚިދުމަތް ފެށުމާއެކު މަސްވެރިންގެ މިހާރު ހުރި ޝަކުވާތަކަށް ހައްލު ލިިބި މަސްވެރިންނަށް ލުއިތަކެއް ލިިިބިގެން ދާނެކަމަށާއި އެގޮތުން މަސް ކިރުވަން ކިއުގައި ޖެހެން ނުޖެހުމާއި މަސް ނުކިރުވިގެން އުޅެން ނުޖެހުން ފަދަ ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.

"މި ސަރަހައްދުގަ ހަރަކާތްތެރިވާ މަސްވެރިންނަށް ވަރަށް ބޮޑު ލުއިތަކެއް ލިިބިގެންދާނެ. މިހާރު މި ހުންނަ ބޯޓުތަކަކީ ވަރަށް ކުދި ކުދި ބޯޓު. އަޅުގަނޑުމެން އުއްމީދު މި ކުރަނީ މަސްވެރިން އެންމެ ބޮޑު ޝަކުވާ އަދި ކަންބޮޑުވުން، އެއީ ކިއުގައި ތިބެންޖެހޭ އެ ތިބުން. ކިއުގަ ތިބެން ޖެހޭ ވަގުތު މަދު ކޮށްފަ ހަމަ އެއާއެކީގަ މިއަންނަ އުމްރާނީ ބަދަލުތަކާއެކީގަ މަސްވެރިންނަށްވެސް އާއިލާތަކާ ކައިރީގަ މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ގދ. ތިނަދޫގައި މަސް ގަންނަ ސެންޓަރެއް ގާއިމުކުރަނީ ސައުދީ ފަންޑުގެ އެހީގެ ދަށުންނެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 66 މިލިއަން ދިވެހި ރުފިޔާ އެ ފަންޑުން ހޭދަކުރާނެއެވެ.

މި ސެންޓަރުން ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އެއްގެ އިތުރުން ފްރީޒިންގ ގެ ހިދުމަތާއި، ލެބޯޓަރީ އަދި ވެއާހައުސްގެ ހިދުމަތް ލިބޭނެއެވެ. އަދި ތިނަދޫގައި ގާއިމް ކުރާ މި ސެންޓަރަކީ 1000 ޓަނުގެ މަސް ރައްކާ ކުރެވޭ ފެސިލިޓީއެކެވެ.

މި ސެންޓަރު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު މިފްކޯއިން ވަނީ އިފްތިތާޙްކޮށްފައެވެ. މި ޕްރޮޖެކްޓު އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ.

މިކަމަށް ތިނަދޫގައި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އާއި ތިނަދޫ ކައުންސިލް މެމްބަރުން އަދި މިފްކޯގެ އިސް ބޭފުޅުންނާއި އެ ސަރަހައްދުގެ ބައެއް މަސްވެރިން ބައިވެރިވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން