ޒިދާން މުޙައްމަދު   30 ޖެނުއަރީ 2021 - 15:6
ދައުރުވަމުންދާ އިއްޔެ މުޒާހަރާގެ ފޮޓޯއެއް
ދައުރުވަމުންދާ އިއްޔެ މުޒާހަރާގެ ފޮޓޯއެއް
"އިންސާފު ކޮބާ" ގެ ނަމުގައި އިއްޔެ ހަވީރުން ފެށިގެން މާލޭގައި ކުރިޔަށް ދިޔަ މުޒާހަރާގައި ފިރިހެން ފުލުސް އޮފިސަރަކު، މުޒާހަރާގައި ބައިވެރިވި އަންހެނަކާ ގައިގޯޅިވެ ބީހޭ މަންޒަރު ފެންނަ ފޮޓޯއެއް މީސްމީޑިޔާގައި ދައުރުވާން ފެށުމުން އެމަންޒަރަކީ ހިންދީ ޑްރާމާ "ދިޔާ އައުރު ބާތީ ހަމް"ގެ މަންޒަރެއްތޯ މީހަކު ސުވާލު އުފައްދައިފިއެވެ.

އާންމު ގޮތެއްގައި މުޒާހަރާތަކުގައްޔާއި އަދި އެ ނޫން ވެސް ތަނެއްގައި އަންހެނަކު ހައްޔަރުކުރަން ނުވަތަ ހުއްޓުވަން މަސައްކަތްކުރާ ތަން ފެންނަނީ އަންހެން ފުލުސް އޮފިސަރުންނެވެ. މިއާ ހިލާފަށް އިއްޔެ މުޒާހަރާގައި ބައިވެރިވި އަންހެނުން ދުރައްޖައްސައި ހުޢްޓުވުމުގައި ވަރަށް ގައިގޯޅިވެ ފިރިހެން އޮފިސަރުން ހަރަކާތްތެރިވާތަން ފެނުނެވެ.

މިކަމާ ގުޅިގެން ފުލުހުންނަށް އާންމުންގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. މި ގޮތުން، މީހަކު ކުރި ޓްވީޓެއްގައި ފިރިހެން ފުލުސް އޮފިސަރަކު އަންހެނެއް ގައިގާ ބީހޭ މަންޒަރު ފެންނަ ފޮޓޯއަކާއެކު ބުނެފައި ވަނީ މިއީ ހިންދީ ޑްރާމާ ދިޔާ އައުރު ބާތީ ހަމްގައި ސޫރަޖާއި ސަންދިޔާގެ މަންޒަރެއް ނޫން ކަމަށާއި މިއީ ދިވެހި ފުލުހުން ޔުނީފޯމްގައި ފެންނަ މަންޒަރެއް ކަމަށެވެ.



"އިންސާފު ކޮބާ" ގެ ނަމުގައި އިއްޔެ ހަވީރުން ފެށިގެން މާލޭގައި ކުރިޔަށް ދިޔަ މުޒާހަރާގައި ގޮވާލާފައި ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށާއި މިނިވަން އިންތިހާބަކަށް ފުރުސަތު ދިނުމަށެވެ. މާލޭގެ އިތުރުން އެކި ރަށްތަކުގައި ވެސް އިދިކޮޅުގެ މި ގޮވާލުން ކުރިއަށް ގެންދިޔަ އެވެ.

މާލޭގައި ބޭއްވި މުޒާހަރާ ކޮންޓްރޯލް ކުރަން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވި އެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުންކޮށްފަ އެވެ. އެކަމުގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުންނާއި ބައެއް ނޫސްވެރިންނަށް ވެސް އަނިޔާވި އެވެ. އަދި މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ. އިއްޔެ މިފަދަ ބައެއް މަންޒަރުތަކުން ފިރިހެން ފުލުހުން މުޒާހަރާގެ އަންހެން ބައިވެރިން ހުއްޓުވަން އުޅޭ ގައިގޯޅި މަންޒަރުތައް ވަނީ ފެނިފައެވެ. ނަމަވެސް މިއީ ފުލުހުންގެ އެތިކްސްއާއި ވެސް ޚިލާފު އަމަލެކެވެ.

ފުލުހުންގެ މީޑިއާ ވައިބާ ގްރޫޕްގައި ހިމެނޭ ނޫސްވެރިން ނޫން ބަޔަކަށް ފުލުހުން މިހާރު މައުލޫމާތު ނުދޭތީ މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް "ރަސް އޮންލައިން" އަށް ވަނީ ލިބޭގޮތް ނުވެފައެވެ. ފުލުހުން އާންމުކޮށް މީޑިއާއާއި މައުލޫމާތު ހިއްސާ ކުރާ ވައިބަރ ގްރޫޕަށް ވަދެވެނީ އެމީހުން ފުރުސަތުދޭ ވަކި ބަޔަކަށެވެ. މިފަހަކަށް އައިސް ފުލުހުންގެ މީޑިއާ ފާހަގަ ކުރެވެނީ މައުލޫމާތު ދިނުމުގައި ވަރަށް "އަބުއި،" އެމީހުން ބޭނުންވާ ބަޔަކަށް އެމީހުން ބޭނުންވާ މައުލޫމާތު ހިއްސާ ކުރާ މުއައްސަސާއެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން