ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
މިހާރު ކުރިއަށްދާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގައި، އެ ޕާޓީގެ ރައީސް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވޯޓް ދެއްވައިފިއެވެ.

މި އިންތިޚާބު ކުރިއަށްދަނީ އިންޓަރނެޓް މެދުވެރިކޮށް އޮންލައިން ކޮށެވެ. މިއީ މިފަދަ އިންތިޚާބެއް ދިވެހިރާއްޖޭގައި އޮންލައިންކޮށް ބާއްވާ ފުރަތަމަ ފަހަރެވެ.

ފާއިތުވި ނުވަ އަހަރު އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމު ފުރުއްވައި އިތުރު ދައުރަކަށް ކުރިމަތިލެއްވި އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އިންތިހާބުގައި އޭނާ ވޯޓް ދެއްވާފައިވާ ކަމަަށާއި އަދާލަތު ޕާޓީގެ ހުރިހާ މެންބަރުން އެ އިންތިޚާބުގެ ވޯޓު ލުމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މި އިންތިޚާބުގައި އަދާލަތު ޕާޓީގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެން ކުރިއަށް އޮތް ފަސް އަހަރަށް ޕާޓީ ހިންގުމުގެ ޒިންމާ ހަވާލު ކުރާނެ މީހަކު ކަނޑައެޅުމުގައި ބައިވެރިވެ ވޯޓު ލުމަކީ މުހިއްމު ކަމެއް." ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާންގެ ރަނިން މޭޓްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ އަހްމަދު ޝަރީފް، ގ. އަލިޝާއެވެ. އަދި މިނިސްޓަރ އިމްރާނާ ވާދަކުރައްވާ މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޒާހިރުގެ ރަނިން މޭޓްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ އަހްމަދު ނަޝީދު، ދަފްތަރު ނަންބަރު 3851 އެވެ.

އަދާލަތުގެ އެތެރޭގެ އިންތިޚާބު ކުރިއަށް ދާނީ ރާއްޖޭގެ ރިޔާސީ އިންތިޚާބު އޮންނަ އުސޫލަށެވެ. އެ ގޮތުން، ޕާޓީގެ ނައިބު ރައީސަކަށް ކަނޑައަޅާނީ އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓްގެ ރަނިންމޭޓެވެ.

އިންތިޚާބަކާއި ނުލައި އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމު ހިސާރު ކުރަށްވައިގެން އިމްރާނު ހުންނެވި މައްސަލައެއް ވެސް އެޕާޓީގެ ބަޔަކު ވަނީ ފެންމަތިކޮށްފައެވެ. ނަމަވެސް އެމައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ނިންމީ އިމްރާން މަގާމުގައި ހުންނެވީ ރަނގަޅަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން