ކުރީގެ ރައީސް އަބުދުﷲ ޔާމިން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް އަބުދުﷲ ޔާމިން އަބްދުލް ގައްޔޫމް
އިދިކޮޅު ސިޔާސީ ލީޑަރު، އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އެ ކޯޓުން މި އަޑުއެހުން ތާވަލްކޮށްފައި ވަނީ މާދަމާގެ މެންދުރުފަހު 2:00 އަށެވެ.

ރައީސް ޔާމީންގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ، ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރުގެ މާލީ މަންފާ އެއް ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ދެކަމަކަށް އެދިފައެވެ. މި ގޮތުން ރައީސް ޔާމީންގެ އާމްދަނީއާ ނުބައްދަލު ފައިސާއާއި މުދަލެއް ވާނަމަ، އެ ފައިސާއާ މުދަލެއް ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް ޝަރީއަތުގައި ދައުލަތުން ވަނީ އެދިފައެވެ. އަދި ރިޝްވަތުގެ ގޮތުގައި ރައީސް ޔާމީން ނެންގެވި ކަމަށް ތުހުމަތު ކުރާ 1.1 މިލިއަން ޑޮލަރު ވެސް ނެގުމުގެ އަމުރެއް ނެރެދިނުމަށް ވެސް ދައުލަތުން އެދުނެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އޭގެ އިތުރުން ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.

ދަށުކޯޓުން ކޮށްފައިވާ މި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ގިނަ ދުވަސް ތަކަކަށްފަހު އެކޯޓުގައި މިމަހު ބޭއްވި ހުކުމް ކުރުމުގެ އަޑު އެހުމުގައި ތިން ފަނޑިޔާރުންގެ ބެންޗުގެ ދެ ފަނޑިޔާރުން ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ތާއީދު ކުރެއްވުމުން ހައިކޯޓުން ވެސް ވަނީ ދަށުކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް އެގޮތަށް ދަމަހައްޓާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން