އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭ ހޮސްޕިޓަލުން ބަލި މީހުން އެނދުމަތި ކުރުމާއި ބައެއް ސާޖަރީތައް ކުރުން މަޑު ޖައްސާލައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޯވިޑް-19އާ ގުޅިގެން އާންމުންގެ ރައްކާތެރިކަމަށާއި އަދި ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ބަލި ފެތުރެމުންދާ ނިސްބަތަށް ބަލައި ތަފާތު ފިޔަވަޅުތައް އެ ހޮސްޕިޓަލުން އަޅަމުން ގެންދާ ކަމަށެވެ.

އެގޮތުން، ކޯވިޑް-19 ފެތުރެމުންދާ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި އެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ކަރަންޓީންގައި ތިބެންޖެހުމާ ގުޅިގެން އޭޑީކޭގެ ހުރިހާ އޯޕީޑީ ކޮންސަލްޓޭޝަންތަކުގެ ހިދުމަތް އޮންލައިންކޮށް ދޭން މިހާރު ވަނީ ނިންމައިފައެވެ. އަދި އޭޑީކޭ ހޮސްޕިޓަލުން ބަލި މީހުން އެނދުމަތި ކުރުމާއި ބައެއް ސާޖަރީތައް ކުރުން މި ވަގުތަށް މަޑު ޖައްސާލައިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، މިހާރު އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނަށް ޒިޔާރަތް ކުރުން މަޑުޖައްސާލުމަށް ވެސް އޭޑީކޭ އިން ވަނީ އެދިފައެވެ.

އެކަމަކު މި ބަދަލުތަކާ އެކު ވެސް ހޮސްޕިޓަލްގެ އިމަޖެންސީ ހިދުމަތްތަކާއި އިމަޖެންސީގައި އެޑްމިޓްކޮށްގެން ދޭން ޖެހޭ ހިދުމަތްތަކާއި ޑައިގްނޯސްޓިކް ހިދުމަތްތައް ކުރިއަށް ދާނެ ކަމަށް ވެސް އޭޑީކޭ ހޮސްޕިޓަލްގެ ބަޔާނުގައިވެއެވެ.

"މި ހޮސްޕިޓަލްގެ އަމާޒަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ލިބުމެވެ. އެގޮތުން ކޮންމެހެން ވަޑައިގަންނަވަން ޖެހިއްޖެ ހާލަތެއްގައި އެކަނި ނުވަތަ އެހީތެރިއެއްގެ ގޮތުގައި އެކަކަށް ވުރެ ގިނަ މީހުން ނުގެންނެވުމަށް ދެންނެވީމެވެ." އޭޑީކޭގެ ބަޔާނުގައިވެއެވެ.

އޭޑީކޭގެ ބަޔާނުގައި ބުނީ އެ ހޮސްޕިޓަލަށް ހިދުމަތް ހޯދަން އަންނަ ހާލަތްތަކުގައި ރަނގަޅަށް މާސްކް އެޅުމަށާއި ހޮސްޕިޓަލްގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމަށް ވެސް އެދޭ ކަމަށެވެ.

ރާއްޖޭން މިހާތަނަށް ކޯވިޑް-19އަށް 15،000 އަށް ވުރެ ގިނަ މީހުން ފައްސިވެ މި ބަލި ޖެހިގެން 51 މީހަކު ވަނީ ނިޔާވެފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ވަނީ 140 އަށް ވުރެ މައްޗަށް އަރައިފައެވެ. މި ބަލި ޖެހިގެން 13،000 އަށް ވުރެ ގިނަ މީހުން ރަނގަޅުވި އިރު، މިހާރު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 1،086 މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން