މުޙައްމަދު ނިޔާޒް (ޓެޑްރީ)
މުޙައްމަދު ނިޔާޒް (ޓެޑްރީ)
ދުވާލު މާސްކު ނާޅާ މަގުމަތީގައި އުޅޭ މީހުންނަށް ފިޔަވަޅު ނާޅާތީ މަޝްހޫރު ޑައިރެކްޓަރ މުޙައްމަދު ނިޔާޒް (ޓެޑްރީ) ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

ކޯވިޑްގެ ހާލަތު ގޯސްވެ ބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުން އިތުރުވާން ފެށުމުން މެންދަމު 12:00 އިން ފެށިގެން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގައި ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހަށް ކަރަންޓީނު ކުރުމަށް އެޗްޕީއޭ އިން ވަނީ ނިންމާފައެވެ. އަދި ދަންވަރު މާލޭ މަގުމަތީގައި މާސްކް ނާޅައި އުޅޭނަމަ އިތުރު އިންޒާރެއް ދިނުމެއްނެތި ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ޓެޑްރީ ވިދާޅުވީ، ދުވާލު ފާޅުގައި މާސްކުނާޅާ އުޅޭމީހުނަށް ފިޔަވަޅެއް ނާޅާ، ދަންވަރު 12ގެ ކާފިއު އުސޫލާ ޚިލާފުވާ މީހާ މާސްކު އަޅައިގެން އިނަސް އޮބި އެޅުވުމުގެ ރޫޙު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން ކަންކަންކުރާ ބޭނުމާއި އޭގެ އަސްލު މަޤްސަދު، އެކަންކަމަށް ތަބާވާންޖެހޭ އާންމު މީހާގެ ބުއްދީގެ އިމުން ބޭރުވެފައިވާ ކަމަށް ޓެޑްރީ ވިދާޅުވިއެވެ.



ފަހަކަށް އައިސް މާލޭގެ މަގުތައް މަތީގައި މާސްކުނާޅާ އުޅޭ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް އެކަމަށް ފުލުހުން އެއްވެސްވަރަކަށް ސަމާލުކަން ދެމުން ނުގެންދާ ކަމުގެ ޝަކުވާ ގިނަ ޢަދަދެއްގެ ޢާއްމުން ދަނީ ކުރަމުންނެވެ. މީގެއިތުރުން މާލޭގައި މިހާރު އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކުގައިވެސް މާސްކުއެޅުމެއްނެތި ގިނަ ބަޔަކު ބައިވެރިވެއެވެ. ނަމަވެސް މާސްކް އެޅުމަކީ މަޖުބޫރު ކަމެއް ކަމަށް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދުވަސް ކޮޅަކަށް ރަނގަޅުވެ ޕޮޒިޓިވް ވާ މީހުންގެ އަދަދު މަދުވެގެން ދިއުމަށްފަހު އަނެއްކާވެސް ކޯވިޑްގެ ހާލަތު ގޯސްވެ ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރުވަނީ ސަތޭކައިން މައްޗަށް އަރާފައެވެ. ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ކޮވިޑްގެ ހާލަތު ކުއްލިއަކަށް ގޯސްވެގެން ދިޔައީ ކޮވިޑާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މާބޮޑަށް ލުއި ދިނުމާއެކު އާންމު ރައްޔިތުން ކޮވިޑުން ރައްކާތެރި ވުމުގައި އަމަލުކުރަން އަންގާފައިވާ ޚާއްޞާ އުސޫލުތަކަށް އަމަލު ކުރުމުގައި ފަރުވާ ކުޑަކުރަން ފެށުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން