މާލޭގެ މަގެއްގެ މަތީގައި މާސްކް އަޅައިގެން ހުއްޓިގެން ހުރި މީހަކު. (ފޮޓޯ:ސޯޝަލް މީޑިޔާ)
މާލޭގެ މަގެއްގެ މަތީގައި މާސްކް އަޅައިގެން ހުއްޓިގެން ހުރި މީހަކު. (ފޮޓޯ:ސޯޝަލް މީޑިޔާ)
މިދިޔަ ތިން ދުވަހުގެ ތެރޭގައި ގްރޭޓަރ މާލެ ސަރަހައްދުން މާސްކް ނާޅައިގެން 221 މީހަކު ޖޫރިމާނާކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިގޮތުން މިމަހުހެ 27 ވަނަ ދުވަހު އިރުއޮއްސި 6:00 އިން 28 ވަނަ ދުވަހު އިރުއޮއްސި 6:00 އަށް 33 މީހަކު ވަނީ މާސްކް ނާޅައި އުޅުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައެވެ. އަދި 28 ވަނަ ދުވަހު އިރުއޮއްސި 6:00 އިން 29 ވަނަ ދުވަހު އިރުއޮއްސި 6:00 އަށް 74 މީހަކު ވަނީ މާސްކް ނާޅައި އުޅުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައެވެ. މީގެ އިތުރުން 29 ވަނަ ދުވަހު އިރުއޮއްސި 6:00 އިން 30 ވަނަ ދުވަހު އިރުއޮއްސި 6:00 އަށް 114 މީހަކު ވަނީ މާސްކް ނާޅައިގެން ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ތިން ދުވަހުގެ ތެރޭގައި މާލެ، ހުޅުމާލެ، ވިލިމާލެ އަދި ވެލާނާ އެއަރޕޯޓު ސަރަހައްދުން މާސްކް ނާޅައިގެން ޖުމްލަ 221 މީހަކު ޖޫރިމާނާކޮށްފައިވާކަން ފާހަގަވެފައިވެއެވެ.

މީގެ އިތުރުން، ކޯވިޑްގެ ހާލަތު ގޯސްވެ ބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުން އިތުރުވާން ފެށުމުން މެންދަމު 12:00 އިން ފެށިގެން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގައިފައިވާއިރު ކާފިއުގެ އުސޫލާ ޚިލާފުވެގެން 27 އަދި 28 ވަނަ ދުވަހުގެ ދަންވަރު 96 މީހަކު ޖޫރިމާނާކޮށް، އިތުރު ތިން މީހަކު ހައްޔަރު ކޮށްފައިވެއެވެ.

މެންދަމު 12:00 އިން ފެށިގެން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގުމަށް އެޗްޕީއޭ އިން ނިންމާފައިވާއިރު ދަންވަރު މާލޭ މަގުމަތީގައި މާސްކް ނާޅައި އުޅޭނަމަ އިތުރު އިންޒާރެއް ދިނުމެއްނެތި ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް ދުވާލު ފާޅުގައި މާސްކުނާޅާ އުޅޭމީހުންނަށް ފިޔަވަޅެއް ނާޅާ ކަމަށްބުނެ ގިނަ ޢާއްމުން ދަނީ ފުލުންހުންނަށް ފާޑުކިޔައި އެތަކެއް ތުހުމަތެެއް ކުރަމުންނެވެ.

ފަހަކަށް އައިސް މާލޭގެ މަގުތައް މަތީގައި މާސްކުނާޅާ އުޅޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއަކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އެކަމަށް ފުލުހުން ވެސް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުން ވެސް ފުލުހުންނަށް އަމާޒުވިއެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން އަޅާން އަންގާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުން ސަމާލުކަން ނުދީ ފަރުވާ ކުޑަކުރުމުން ކޮވިޑް ފެތުރުން އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެގެން ދިޔައެވެ. އެއާއެކު ދޫދީފައިވާ ކަންކަން ވެސް މިހާރު ވަނީ އަލުން ހަރުކަށިކޮށްފައެވެ.

މާސްކް އެޅުމަކީ މަޖުބޫރު ކަމެއް ކަމަށް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން