އިންޑިޔާއިން އުފެއްދި ކޯވިޑް-19 ވެކްސިން
އިންޑިޔާއިން އުފެއްދި ކޯވިޑް-19 ވެކްސިން
ދިވެހިރާއްޖޭގައި މާދަމާ ކޯވިޑް-19ން ދިފާއު ވުމަށް ވެކްސިން ޖަހަން ފަށާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު “ރަސްއޮންލައިން” އާ ވާހަކަދައްކަމުން ވިދާޅުވީ މާދަމާ ރާއްޖޭގެ ތިން ސަރަހައްދެއްގައި ވެކްސިން ޖެހުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ، އިންޑިއާއިން ހަދިޔާ ކޮށްފައިވާ ކޯވިޝީލްޑް މިހާރު ވަނީ ވެކްސިން ދޭ ސަރަހައްދު ތަކަށް ގެންގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމުގައި އެހީތެރިވެދެނީ ދިވެހި ސިފައިންނެވެ.

ވެކްސިން ޖެހުން ކުރިއަށް ދާނީ މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގައި ޖެހުމަށް ނިންމާފައިވާ "ކޯވިޝީލްޑް" ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެން ޑްރަގު އޮތޯރިޓީ (އެމްއެފްޑީ) އިން ވަނީ މި މަހުގެ 28ވަނަ ދުވަހު ދީފައެވެ.

ރާއްޖެއަށް އިންޑިޔާގެ ސަރުކާރުގެ ފަރާތުން ހިލޭ ދީފައިވާ "ކޯވިޝީލްޑް" ވެކްސިންގެ ފުރަތަމަ ޝިޕްމަންޓުގައި ގެނެސްފައި ވަނީ 100،000 ޑޯޒްއެވެ. ރާއްޖެއަށް ގެނެސްފައިވާ މި ވެކްސިން ރާއްޖޭގެ އާބާދީގެ 50،000 މީހުންނަށް ޖެހޭނެ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

މިކަމާ ގުޅިގެން، އެމްއެފްޑީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ ބަލަން ޖެހޭ ޓެކްނިކަލް ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ހަދަން ޖެހޭ ދިރާސާތައް ވެސް ހެދުމަށްފަހު ކަމަށެވެ. އަދި ނޭޝަނަލް ފާމަސޫޓިކަލް ބޯޑުވެސް އެކަމުގައި ހޯދުންތައް ހޯދާފައިވާނެ ކަމަށް ބުންޏެވެ.

ރާއްޖެ އަށް މިހާރު ގެނެސްފައިވާ ވެކްސިން ގުޅޭގޮތުން އެކި ގައުމުތަކުގެ އިތުބާރު ހިފޭ އިދާރާތަކުން ހިއްސާކޮށްފައިވާ ލިޔެކިޔުންތައް ބަލައި ދިރާސާކޮށްފައިވާނެ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެއެވެ.

މީގެ އިތުރުން "ކޯވިޝީލްޑް" ބްރޭންޑްގެ ވެކްސިނަށް ހުއްދަ ދޫކޮށްފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އުމުރުން 18 އަހަރުން މަތީގެ މީހުން ބޭނުން ކުރުމަށް ކަމަށާއި އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމުގެ ހުއްދަ ދެވިފައި ނުވާ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން