ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
މާދަމާ ރާއްޖޭގެ ރައްޔިތުންނަށް ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ދޭން ފަށާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ އެއްލައްކަ ޑޯޒްގެ ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ 2021 ޖަނަވަރީ 26 ވަނަ ދުވަހު ދީފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ "ކޮމިޝީލްޑް" ވެކްސިނަށް ހުއްދަ ދީފައިވަނީ ޚާއްޞަ އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށް ކަމަށް އެ އެތޯރިޓީން ބުނެފައިވެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާދަމާއަކީ ރާއްޖޭގައި ކޯވިޑް-19 އަށް ވެކްސިން ދޭން ފަށާ ދުވަސް ކަމަށެވެ. އަދި މި ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުމަކީ އެމަނިކުފާނުގެ ދުޢާ ކަމަށްވެސް އެ މަނިކުފާނުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވަނީ މިހާ އަވަހަށް ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދިނުމުގެ މަސައްކަތް ފެށިގެންދާ ކަމަށްޓަކައި ﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވާފައެވެ.



މާދަމާ ރާއްޖޭގެ ތިން ސިޓީއެއްގައި ކޯވިޑް-19 ވެކްސިން ޖަހަން ފަށާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެގޮތުން މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައި.ޖީ.އެމް.އެޗް.، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭ.ޑީ.ކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އައްޑޫ ސިޓީގައި އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވެކްސިން ޖެހުން ކުރިއަށް ގެންދާނެއެވެ.

"ކޮވިޝީލްޑް" އަކީ، އިނގިރޭސިވިލާތުގެ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިން، އެސް.އައި.އައި. އިން މެނުފެކްޗަރކޮށް ބާޒާރަށް ނެރެފައިވާ ބްރޭންޑް ނަމެކެވެ. އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިނަކީ އިނގިރޭސިވިލާތުގެ ބްރިޓިޝް މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީން 2020 ޑިސެންބަރު 30 ވަނަ ދުވަހު ހުއްދަކޮށްފައިވާ ވެކްސިނެކެވެ.

ރާއްޖޭގައި ވެކްސިންދޭ ފަރާތްތައް އެމް.އެފް.ޑީ.އޭ.އާއި މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން މޮނިޓަރކުރަމުން ގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މި ވެކްސިނަކީ ދިވެހިރާއްޖޭގައި ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ފުރަތަމަ ވެކްސިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން