އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
ކޯވިޑް-19ގެ ވެކްސިނާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުން ޞައްޙަ ނޫން މަޢުލޫމާތު ފެތުރުން ހުއްޓާލުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ވަނީ، ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާ މި ދަނޑިވަޅުގައި، މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި، ދިވެހިރާއްޖޭގައިވެސް ވެކްސިން ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ކޯވިޑް-19 އިން ރައްކާތެރިވުމަށް ދެވޭ ވެކްސިނާ މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އަދި ބިރުވެރިކަން އުފެދޭގޮތަށް ސިޔާސީ ފޯރަމްތަކުގައި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ވާހަކަދެއްކެވުމަކީ، އެކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އިލެކްޝަންސް މޮނިޝަނުން ބުނީ، އަންނަ އެޕްރީލް މަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ޕާޓީތަކުންނާއި ކެނޑިޑޭޓުން ތައްޔާރު ވަމުންދާއިރު ކެމްޕޭން ކުރުމަށާއި، އިންތިޚާބުގެ އެހެނިހެން މަސައްކަތްތައް ކުރުމަށް ރައްކާތެރި މާޙައުލެއް ޤާއިމްވެފައި އޮތުމަކީ އިންތިޚާބުގައި ވޯޓްލާން ނުކުންނަ މީހުންގެ އަދަދު މަތިވެ، ގިނަ ބައެއްގެ ބައިވެރިވުން އިންތިޚާބަށް ލިބިގެންދާނެކަމަކަށް ވާނެ ކަމަށެވެ.



އެހެންކަމުން ކޯވިޑް-19 އިން ރައްކާތެރިވުމަށް ދެވޭ ވެކްސިނާ ގުޅޭގޮތުން ޞައްޙަ ނޫން މަޢުލޫމާތު ނުފެތުރުއްވުމަށާއި، އަދި މި ވެކްސިން ސިޔާސީ ނުކުރެއްވުމަށް ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ޕާޓީ ތަކުގެ މެންބަރުންނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާދަމާއަކީ ރާއްޖޭގައި ކޯވިޑް-19 އަށް ވެކްސިން ދޭން ފަށާ ދުވަސް ކަމަށެވެ. އަދި މި ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުމަކީ އެމަނިކުފާނުގެ ދުޢާ ކަމަށްވެސް އެ މަނިކުފާނުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވަނީ މިހާ އަވަހަށް ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދިނުމުގެ މަސައްކަތް ފެށިގެންދާ ކަމަށްޓަކައި ﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވާފައެވެ.

މާދަމާ ރާއްޖޭގެ ތިން ސިޓީއެއްގައި ކޯވިޑް-19 ވެކްސިން ޖަހަން ފަށާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެގޮތުން މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭ.ޑީ.ކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އައްޑޫ ސިޓީގައި އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވެކްސިން ޖެހުން ކުރިއަށް ގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ކިނބޫ

02-Feb-2021

އީސީގެ ސައިންސްވެރިން ކޯފާވެއްޖެ. ވެކްސިން އުފެއްދި ޓީމުގެ އިސް ވެރިޔާ އެ ދެއްވީ އިންޒާރު. ދެން އަނގަވެސް ނުހުޅުވާތި.



ޓްރެންޑިން