ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ހުރިހާ ރައްޔިތުން ވެކްސިން ޖެހުމުގައި ބައިވެރިވުމަށް ރައީސް އެދިވަޑައިގެންފިއެވެ.

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖެހުން ރަސްމީކޮށް ފެށުމަށް މިހާރު ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ރަސްމިއްޔާތު ފެށުމުގެ ގޮތުން މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ ވޭތުވެދިޔަ ދިހަ ވަރަކަށް މަސް ދުވަހު ދިވެހިން ތަޙައްމަލު ކުރަމުން ދިޔައީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން މިއަދު ފެށިގެން މިދާ ޙަރަކާތުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވެ ވެކްސިން ޖެއްސެވުމަށް ރައީސް ޞާލިޙް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. އަދި އެމަނިކުފާނުގެ ދުޢާއަކީ ކޯވިޑް-19 ވެކްސިނާއެކު މިހާރު ދިމާވެފައިވާ ދަތިތަކުން އަވަހަށް އަރައިގަނެވޭނެ މަގު ފަހިވެގެން ދިއުންކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖެހުމުގެ ޙަރަކާތް ފެށިގެން ދާއިރު، ރައީސް ޞާލިޙް ވެކްސިން ޖައްސަވަނީ 04 ވަނަ އަށެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ހަމަ ޖެހިފައިވަނީ 04 ހަފްތާ ފަހުންނެވެ. ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުވެސް މިއަދު ވެކްސިން ޖެއްސެވުމަށް ވަނީ ހަމަޖެހިފައެވެ. މި ހުރިހާ ބޭފުޅުންވެސް ޖައްސަވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ "ކޮމިޝީލްޑް" ވެކްސިނެވެ.

މިއަދު ރާއްޖޭގެ ތިން ސިޓީއެއްގައި ކޯވިޑް-19 ވެކްސިން ޖަހަން ފަށާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެގޮތުން މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައި.ޖީ.އެމް.އެޗް.، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭ.ޑީ.ކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އައްޑޫ ސިޓީގައި އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވެކްސިން ޖެހުން ކުރިއަށް ގެންދާނެއެވެ.

ރާއްޖޭގައި ވެކްސިންދޭ ފަރާތްތައް އެމް.އެފް.ޑީ.އޭ.އާއި މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން މޮނިޓަރކުރަމުން ގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މި ވެކްސިނަކީ ދިވެހިރާއްޖޭގައި ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ފުރަތަމަ ވެކްސިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން