ޑރ. ޝިރާނީ އަބްދުއްރަޙްމާން
ޑރ. ޝިރާނީ އަބްދުއްރަޙްމާން
ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ހުރިހާ ރައްޔިތުން ވެކްސިން ޖެހުމަށް އައިޖީއެމްއެޗްގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ. ޝިރާނީ އަބްދުއްރަޙްމާން އިލްތިމާސްކުރައްވައިފިއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ވެކްސިން ޖެއްސެވި ޑރ. ޝިރާނީ މި އިލްތިމާސް ކުރައްވާފައި ވަނީ، ވެކްސިން ޖެއްސެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ޑރ. ޝިރާނީ ވިދާޅުވީ ހާޑް އިމިއުނިޓީ ބޭނުންވާ ކަމަށާއި، ބަލި ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން ކަމަށެވެ.

ޑރ. ޝިރާނީ ވިދާޅުވީ ގިނަ ބަޔަކު ވެކްސިން ޖެހުމުން ބަލީގައި ގެއްލިގެންދާ މީހުން މަދުވެ އާއްމު ހާލަތަށް އަވަހަށް އާދެވޭނެ ކަމަށެވެ.

"އޭރުން އަޅުގަނޑުމެންނަށް ހާޑް އިމިއުނިޓީއެއް ލިބޭނީ ވީ އާ ޓްރައިންޓު ގޯ ބެކްޓު ނޯމަލް ލައިފް. މިބަލީގައި ވަރަށް ގިނަ މީހުން މަރުވެއްޖެ. މިހާރު މިތިބި މީހުންނާއެކު އެހީވެވޭނޭ. ނަންބަރުތައް މަދުވާނެ. ވެކްސިން ވީހާ ވެސް ގިނަ ބަޔަކު ނަގައިގެން ބައްޔަށް ހުށަހެޅޭ މީހުން މަދުވާނޭ. ގެއްލިގެންދާ މީހުން މަދުވާނޭ." ޑރ. ޝިރާނީ އަބްދުއްރަޙްމާން ވިދަޅުވިއެވެ.

ދެވަނަ ޑޯޒް ވެކްސިން ޖަހާނެކަމުގެ ޔަގީންކަން ދެއްވާ ޑރ. ޝިރާނީ ވިދާޅުވީ ކައްޓެއް ހެރުމުން ވީ ތަދު ފިޔަވައި އެހެން ތަދެއް ނުވާ ކަމަށެވެ. އަދި ވެކްސިން ޖެހުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހުނުކަން ވެސް ޑރ. ޝިރާނީ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިއަދު ޖަހަން ފަށާފައި ވަނީ އިންޑިޔާއިން ހަދިޔާކުރި ކޯވިޝީލްޑް ވެކްސިނެވެ.

ކޮވިޑްޝީލްޑް‘ އަކީ އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރާޒެނެކާ (ާސތރަޡެނެޗަ) ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ޕވޓ ލޓޑ އިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. ކޮވިޝީލްޑް އަކީ ރައްކާތެރިކަމާއި ނަތީޖާ ރަނގަޅުކަމަށް ތަހުލީލުތަކުން ދެނެގަނެފައިވާ ވެކްސިނެކެވެ.

އެހެން ނަމަވެސް، މި ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ކިބައިން ސައިޑް އިފެކްޓްސް ފެނިދާނެއެވެ. މިގޮތުން އާންމުކޮށް ހަށިގަނޑުން ފެންނަ އަލާމާތްތަކަކީ ވައިރަސްއާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާއީ ނިޒާމުން މަސައްކަތް ކުރާކަމުގެ އަލާމާތްތަކެވެ. މި އަލާމާތްތައް ދެތިން ދުވަހެއްގެ ތެރޭގައި ފިލާ ރަނގަޅުވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން