މިއަދު ކުރިއަށް ދިޔަ ވެކްސިން ޕްރޮގްރާމްގެ ތެރެއިން (ފޮޓޯ- ރައީސް އޮފީސް)
މިއަދު ކުރިއަށް ދިޔަ ވެކްސިން ޕްރޮގްރާމްގެ ތެރެއިން (ފޮޓޯ- ރައީސް އޮފީސް)
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަރަށް އަވަހަށް ކޮވިޑް ވެކްސިންދީ ނިންމާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގައި ފެށި ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައި އެވާހަކަ ޓްވީޓް ކުރަށްވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާން ވެކްސިން ޖައްސަވައިފި ކަމަށާއި މާތް ﷲގެ އިރާދަފުޅާއެކު ވަރަށް އަވަހަށް ރާއްޖޭގެ އެންމެންނަށް ވެކްސިން ދީ ނިންމާނެ ކަމަށެވެ.

"ކޮވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭންގައި މިއަދު ވަނީ ރައީސް ޞާލިޙްގެ އިތުރުން ދައުލަތުގެ އަނެއް ދެބާރުގެ ވެރިން ވެސް ވެކްސިން ޖައްސަވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް، ކެރެފާ ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ރާއްޖެއަށް ލިބޭ ވެކްސިން މި ހިނގާ ފެބްރުއަރީ މަހުގެ 14 ނުވަތަ 15 ގައި ލިބޭވަރު ވާނެ ކަމަށެވެ. އަދި ރާއްޖެއަށް ގަންނަ 700 ހާސް ޑޯޒް އަންނަ މާރޗް މަހުގެ ތެރޭގައި ލިބޭނެ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.



މިނިސްޓަރ ނަސީމް ވިދާޅުވީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ވާވަރަށް ދެމަހެއްގެ ތެރޭގައި ވެކްސިން ލިބި ހަމަވާނެ ކަމަށެވެ. އަދި މިއަދު ފެށި ވެކްސިން ޕްރޮގްރާމް މެދު ނުކެނޑި ކުރިއަށްދާ ވަރަށް ވެކްސިން ލިބޭނެ ކަމަށް ވެސް މިނިސްޓަރ ނަސީމު ފާހަގަ ކުރެއްވިއެވެ.

މާލޭގެ އިތުރުން މިއަދު ވަނީ އައްޑޫ ސިޓީއާއި ކުޅުދުއްފުށީގައި ވެސް ވެކްސިން ދޭން ފަށާފައެވެ. އަދި ވަރަށް އަވަހަށް އެހެން ރަށްތަކުގައި ވެސް ވެކްސިން ދޭން ފަށާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވެކްސިން ކެމްޕޭންގައި އެންމެ ފުރަތަމަ ވެކްސިން ދޭން ނިންމާފައި ވަނީ ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިންނަށެވެ. އޭގެ ފަހުން ކޮވިޑްގެ ހައިރިސްކް މީހުންނަށާއި ދުވަސްވީ މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން