ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 215 މީހަކު ޕޮޒިޓިވްވެ 51 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 16،056 އަށް އަރާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 1،807 ގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 159 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 56 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 20 މީހަކާއި އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 08 މީހަކު ހިމެނެއެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 184 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 4،126 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 413،766 ސާމްޕަލް ނަގާފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 51 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 14،190 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 52 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން