ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދައްކަވާ ނަމޫނާއިން ގޮންޖެހުންތަކުން އަރައިގަތުމަށް ހިތްވަރުލިބޭ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ރަސްމީކޮށް މިއަދު ޖަހަން ފަށާފައިވާއިރު މި ވެކްސިން ދަޢުލަތުގެ އެންމެ އިސްވެރިން ވަނީ ޖައްސަވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން މިއަދު ވަނީ ކޯވިޑް ވެކްސިން ޖައްސަވައި ވެކްސިނާމެދު ރައްޔިތުންނަށް އިތުބާރާއި ޔަޤީންކަން ކަށަވަރުކޮށްދެއްވާފައެވެ. ރައީސް މިއަދު ޖައްސަވާފައިވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިނެވެ.

އެކަމާ ގުޅިގެން ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވީ ރައީސް ޞާލިޙްގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ކެރިގެން އުންމީދާއެކު ކުރިމަތިލުމަށް ހިތްވަރު ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ރައީސްއާ އެކު މަސައްކަތް ކުރެއްވުމަކީ ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފަލެއްކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.



ފަތުރުވެތިކަމާބެހޭ ވަޒީރު މިފަދައިން ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ މައި އިޤްތިޞާދު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުރިއެރުން އިތުރަށް ޔަގީންވެގެންދާއިރު މިކަމުގައި ވެސް ރައީސް ޞާލިހް ދެއްކެވި ނަމޫނާ ފާހަގަ ކުރެއްވުމުގެ ގޮތުން ކަމަށް ގަބޫލު ކުރެވެއެވެ. ކޮވިޑާ ގުޅިގެން މުޅިން ހުއްޓިފައި އޮތް ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމަށް ރައީސް ޞާލިޙް ނިންމެވި ނިންމެވުމަކީ ވެސް އެމަނިކުފާނު ކުރިމަތި ލެއްވި ވަރަށް ބޮޑު ޗެލެންޖެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މިފަދަ ހައްސާސް ދަނޑިވަޅެއްގައި، ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި ވަނިކޮށް ރައްކާތެރި ފިޔަވަޅުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަން އަލުން މުޅި ދުނިޔެއަށް ހުޅުވާލުން ވެގެން ދިޔައީ ދުނިޔޭގެ ގިނަ ބަޔަކު ހައިރާންކޮށްލި ކަމަކަށެވެ.

މިއަދު ފެށި ވެކްސިން ޕްރޮގްރާމްގައި ރައީސް ޞާލިޙް ޖެއްސެވީ އިންޑިއާއިން ހަދިޔާކުރި ވެކްސިން ނޫންކަމަށް ބުނެ ވެސް އިދިކޮޅުން މިއަދު ވަނީ އަޑުތައް ފަތުރާފައެވެ. ނަމަވެސް ރާއްޖޭގެ ޞިއްޙީ މާހިރުން ވަނީ އެވާހަކަތައް ދޮގުކުރަށްވައިފައެވެ.

އިންޑިއާއިން ހަދިޔާކުރި ވެކްސިންގެ ރައްކާތެރިކަމާމެދު ސުވާލު އުފައްދައި އިދިކޮޅުން ބުނަމުން ދިޔައީ އެވެކްސިން ރައްޔިތުން ގަޔަށް ޖަހަންވާނީ ރައީސް ޞާލިހު ވެކްސިން ޖެއްސެވީމާ ކަމަށެވެ. ރައީސް ޞާލިހް މިއަދު އެންމެ ފުރަތަމަ ސަފުގައި ހުންނަވައިގެން ވެކްސިން ޖެއްސެވުމަކީ އިދިކޮޅުގެ އެވާހަކަތަކަށް ދެއްވި ވަރުގަދަ ރައްދެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު