ރާއްޖެއަށް މި ބިންދައިލީ ކޮވިޑުގެ ތިންވަނަ ރާޅެއް ކަމަށާއި ޚިޔާލު ތަފާތުވުން އެއްކިބާކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ މިފަހަރުވެސް ކާމިޔާބު ލިބޭނެ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު އަލީ މިމެސެޖް އާންމުކުރަށްވައި އެންމެހައި ރައްޔިތުން ގުޅިގެން ތިންވަނަރާޅުން ސަލާމަތް ވުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރަށްވާފައިވާއިރު މިހާރު ދުވާލެއްގެ މައްޗަށް ދިވެހި ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު ވަނީ 200 އިން މައްޗަށް އަރާފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ބަލި ފެތުރެން ފަށާފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުގައި ރާއްޖެއިން އިއްޔެ ވަނީ 215 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ މިފަހުގެ ތާރީހެއްގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.



މިކަމާ ގުޅިގެން ޑރ. މުހައްމަދު އަލީ ވިދާޅުވެފައިވަނީ ރާއްޖެއަށް ކޮވިޑުގެ ތިންވަނަ ރާޅެއް އަރައިފިކަމަށެވެ. އަދި މިފަހަރުވެސް ބަލި ކޮންޓްރޯލްކޮށް އަދަދުތައް މަދުކުރެވޭނީ އެންމެން އެކުގައި މަސައްކަތް ކުރުމުންކަމަށް ޑޮކްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މިދަނޑިވަޅަކީ އެކަކު އަނެކެއްގެ ބޮލުގައި އިލްޒާމު އަޅުވައި އުންމީދު ކަނޑައިލަންވީ ވަގުތު ނޫންކަމަށްވެސް ޑރ. މުޙައްމަދު ޢަލީ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހިޔާލު ތަފާތުވިނަމަވެސް އެކުގައި ކޮވިޑުން ރައްކާތެރިވުމުގައި އެންމެން އެއްއަމާޒަކަށް މަސައްކަތް ކުރުމުގެ ރޫހް އަށަގެންނެވުމަށް ޑރ. މުހައްމަދު އަލީ އިލްތިމާސް ކުރައްވާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު


7

ކިނބޫ

02-Feb-2021

ދެވަނަ ރާޅު އައީ ކޮންއިރަކުހޭ އަޖައިބެއް ނުވާނެ! ދެވަނަ ރާޅެއް ނައިސް ތިންވަނަ ރާޅެއް އައީހޭ! ދެން ކޮންމެސް ސިޔާސީ ޑޮކްޓަރެއް ނުކުމެ ޖަވާބު ދޭން ވެއްޖެނު.