ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައި ވީ ނަމަވެސް، ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއި ސްކޫލްތައް އަލުން ބަންދު ކުރުން މި ވަގުތު ބުއްދިވެރި ނޫން ކަމަށާއި ކުރަންވީ ކަމަކީ ހުރިހާ ރައްޔިތުން ވެސް ވެކްސިން ޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާލުވީ ކޮވިޑް-19 ގެ ރޯގާ އަނެއްކާ ވެސް ރާއްޖޭގައި ފެތުރުން އިތުރުވެ ބަލީގެ ތިންވަނަ ރާޅެއް އައިސްފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.



ދިވެހިރާއްޖޭން އިއްޔެ އެކަނި ވެސް 215 މީހުން މި ބައްޔަށް ފައްސިވެފައިވެއެވެ. މިއީ މީގެ ކުރިއާއި އަޅާ ބަލާއިރުވެސް 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ މީހުން ފައްސިވި އަދަދެވެ.

"މިއީ އެޗްޕީއޭއާއި ހެލްތު މިނިސްޓްރީއިން އިތުރު އިޖުރާއަތްތައް އުފައްދަންވީ ވަގުތެއް ނޫން، ބުއްދި ބަހައްޓާ،" ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައިވެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ރާއްޖެ އަނެއްކާ ވެސް ފުރަބަންދަކަށް ދާން އުޅޭ ކަމުގެ އަޑުތަކެއްވެސް ރަށު ތެރޭގައި ގަދަވެފައި ވަނިކޮށެވެ.

ރާއްޖޭގައި އިއްޔެ ވަނީ ކޯވިޑް ވެކްސިން ވެސް ޖަހަން ފަށާފައެވެ. ރާއްޖޭގައި ޖަހަނީ އިންޑިޔާއިން ހަދިޔާކުރި ކޯވިޝީލްޑް ވެކްސިނެވެ.

ކޮވިޑްޝީލްޑް‘ އަކީ އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. ކޮވިޝީލްޑް އަކީ ރައްކާތެރިކަމާއި ނަތީޖާ ރަނގަޅުކަމަށް ތަހުލީލުތަކުން ދެނެގަނެފައިވާ ވެކްސިނެކެވެ.

އެހެން ނަމަވެސް، މި ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ކިބައިން ސައިޑް އިފެކްޓްސް ފެނިދާނެއެވެ. މިގޮތުން އާންމުކޮށް ހަށިގަނޑުން ފެންނަ އަލާމާތްތަކަކީ ވައިރަސްއާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާއީ ނިޒާމުން މަސައްކަތް ކުރާކަމުގެ އަލާމާތްތަކެވެ. މި އަލާމާތްތައް ދެތިން ދުވަހެއްގެ ތެރޭގައި ފިލާ ގޮސް ރަނގަޅުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން