މަބުރޫކް އަޒީޒް
މަބުރޫކް އަޒީޒް
ކޯވިޑްގެ ދެވަނަރާޅު ކޮންޓްރޯލް ކުރިގޮތަށް ސިއްޙީ މާހިރުންގެ މަސައްކަތާއި ދިވެހި ރައްޔިތުންގެ އެއްބާރުލުމާއެކު ތިންވަނަ ރާޅުވެސް އިރާދަކުރެއްވިއްޔާ ކޮންޓްރޯލް ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.



ކޯވިޑް-19ގެ ތިން ވަނަ ރާޅެއް ރާއްޖެއަށް ބިންދާލައި، ހާލަތު ގޯސްވެފައި ވާތީ އަލުން ބޮޑު ފުރަބަންދަކަށް ދާންއުޅޭ ކަމަށް ފެތުރެމުންދާ އަޑުތަކާއި ބެހޭގޮތުން “ރަސް އޮންލައިން”އާއި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ރާއްޖޭގެ ސިއްހީ މާހިރުންނާއި ފްރަންޓްލައިންގެ ހިތްވަރުގަދަ ޤައުމީ ބަޠަލުންގެ މަސައްކަތާއި ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކުރެއްވުމާއުކު ލޮކްޑައުން އަކަށް ނުގޮސްވެސް ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.



"ރަސް އޮންލައިން"އާ ވާހަކަދައްކަވަމުން މަބުރޫކް ވިދާޅުވީ، ހާލަތު ގޯސްވެފައި ވަނިކޮށް މީގެ ކުރިންވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރީ އާންމު ރައްޔިތުންގެ ވަރަށްބޮޑު އެއްބާރުލުމާއެކުގައި ކަމަށެވެ. ނަމަވެސް، އަނެއްކާ ވެސް ބައެއް މީހުންގެ ފަރާތުން ފަރުވާކުޑަކުރުމުގެ އަމަލުތައް ފެންނަމުންދާ ކަމަށާއި މިއީ މި ހާލަތުން އަރައިގަތުމަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ، ބައެއް މީހުން މާސްކު ވެސް އަޅުއްވަނީ ދަތްދޮޅީގައި ކަމަށެވެ. އަދި އެ ގޮތަށް ކަންތައް ނުކޮށް "މާސްކު ދަތް ދޮޚިން މަތީގައި އެޅުމަށް" އޭނާ އިލްތިމާސްކުރެއްވިއެވެ.

މަބުރޫކް ވިދާޅުވީ، ސިއްހީ މާހިރުން ދެއްވާ އިރުޝާދުތައް އަހައި އެގޮތަށް އަމަލުތައް ބެހެއްޓުމުން މި ހާލަތުން ވެސް މިންޖުވެވޭނެ ކަމަށެވެ. އަދި ވިދާޅުވީ، ދެވަނަ ރާޅު އެރުމުން ވެސް ފުރަބަންދު ނުކޮށް ކުރިއަށް ގެންދެވުނީ އާންުމުން އެމީހުންގެ ފަރުދީ ޒިންމާ އަދާކުރުމުން ކަމަށެވެ.

“މީގެކުރިންވެސް މި ހާލަތުގައި އަޅުގަނޑުމެންގެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ކެއްތެރިކަމާ އެއްބާރުލުން މިފަހަރުވެސް ލިބޭނެކަމާއި މެދަކު ޝައްކެއް ނުކުރަން. އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވާ ކަންކަން އެއްފަރާތްކޮށް މީގެކުރިންވެސް ރައްޔިތުން އެވަނީ މި ބަލިމަޑުކަމުން އަރައިގަތުމަށް ވަރަށް ބޮޑު އެއްބާރު ލުމެއްދީފަ. އަދި މީގެނަތީޖާވެސް ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ފެނިގެންދިޔަ.” މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައިވަކަން ފާހަގަކުރަށްވައި އޭނާ ވިދާޅުވީ، އުންމީދަކީ މި ހާލަތުން އަރައިގަނެ އާންމު ހާލަތަކަށް ރުޖޫއަވުން ކަމަށެވެ. މަބްރޫކް ވިދާޅުވީ، ވެކްސިން ޖެހުމުގައި ވެސް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ކޯވިޑް-19ގެ ހާލަތު ގޯސްވެފައި ވާއިރު، މިދިޔަ ޖެނުއަރީ މަހު އެކަނި ވެސް ރާއްޖެއިން 2156 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ކޯވިޑް ޑޭޝްބޯޑުގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޑިސެމްބަރު މަސް ނިމުނު އިރު ރާއްޖޭގެ ޖުމްލަ ކޭސްގެ އަދަދަކީ 13،744 އެވެ. ޑިސެމްބަރު މަސް ނިމުނު އިރު އެކްޓިވް ކޭސްގެ ގޮތުގައި 458 މީހަކު ތިބި އިރު، އަހަރު ނިމުނު އިރު 13،238 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ޖެނުއަރީ މަސް ނިމުނު އިރު ބަލި ޖެހުނު ޖުމްލަ އަދަދު ވަނީ 15،900 އަށް އަރައިފަ އެވެ. ޖެނުއަރީ މަސް ނިމުނު އިރު އެކްޓިވް ކޭސްތައް ވެސް ވަނީ 1724 އަށް އަރައިފަ އެވެ.

އެހެންކަމުން ޖެނުއަރީ މަހު އެކަނި ރާއްޖެއިން 2156 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. ޖެނުއަރީ މަހު ބަލިން ރަނގަޅުވީ 887 މީހުންނެވެ.

ކޯވިޑްގެ ކޭސްތައް މިހާރު އިތުރުވާން ފަށާފައިވާއިރު، އިއްޔެ ވަނީ ރާއްޖޭގައި ކޯވިޑް ވެކްސިން ޖަހަން ފަށައިފަ އެވެ. އަދި ކޭސްތައް އިތުރުވަމުން ދިއުމާ އެކު، ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން