ބަލިތަކަށް ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އިސްލާމް ދީން އިރުޝާދު ދޭ ގޮތް ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން މިހެން ވިދާޅުވެފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް މިއަދު ވެކްސިން ޖެއްސެވުމަށް ފަހުގައެވެ.

"ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އިސްލާމް ދީން އިރުޝާދު ދޭ ގޮތް. އެއީ ތިމާއާއި ތިމާގެ އާއިލާ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް. އަޅުގަނޑު ވެކްސިން ޖަހައިފިން." ޝައިޚް އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ކޯވިޑް-19 ވެކްސިން ޖެހުން ރަސްމީކޮށް ފެށުމަށް ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްްމަދު ޞާލިޙް ވެސް ވަނީ ކޯވިޑް-19 ވެކްސިން ޖައްސަވައިފައެވެ. ރައީސްގެ އިތުރުން ދަޢުލަތުގެ އަނެއް ދެބާރުގެ ވެރިންވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.

ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގައި އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައި ވަނީ އައިޖީއެމްއެޗްގެ ޑރ. ޝިރާނީ އަބްދުއްރަހީމް އެވެ. ޑރ. ޝިރާނީގެ އިތުރުން ޞިއްޙީ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތް ކުރަށްވާ ގިނަ ބޭފުޅުން ވަނީ ވެކްސިން ޖައްސަވާފައެވެ.

އިއްޔެ ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖެހުމުގެ ޙަރަކާތް ފެށިގެން ގޮސްފައިވާއިރު ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ހަމަ ޖެހިފައިވަނީ 04 ހަފްތާ ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން