ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން ޖުމްލަ 880 މީހަކު ވެކްސިން ޖަހައިފިއެވެ.

މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މާލެއިން އެކަނިވެސް 666 މީހަކު މިހާތަނަށް ވެކްސިން ޖަހާފައިވެއެވެ.

މީގެ އިތުރުން މި ވެކްސިން ޖެހުމުގެ ކެމްޕޭނުގައި ޖުމްލަ 880 މީހަކު ވެކްސިންޖަހައިފައިވާއިރު، މިއަދު 554 މީހަކު ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ވެކްސިން ޖެހުމުގެ ކެމްޕޭނު ކުރިއަށްދަނީ ރާއްޖޭގެ ތިން ސަރަހައްދެގައެވެ. އެއީ މާލެ، އައްޑޫ އަދި ކުޅުދުއްފުށީގައެވެ. މިތިން ސަރަހައްދުގައި ހަ ސެންޓަރަކުން ވެކްސިން ޖަހަމުން ގެންދާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނު "ކޯވިޑް-19 ދިފާޢު" ރަސްމީކޮށް ފައްޓާފައިވަނީ ފެބްރުއަރީމަހު އެއްވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ ކެމްޕޭނުގައި ބޭނުންކުރަމުން ދަނީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑު ވެކްސިނެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކޮވިޝީލްޑު ވެކްސިނުގެ އެއްލައްކަ ޑޯޒް ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ދީފައިވަނީ ޚާއްޞަ އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށެވެ. މި ވެކްސިނަކީ ދެ ޑޯޒް ޖަހަން ޖެހޭ ވެކްސިނަކަށް ވާތީ އިންޑިއާއިން ދިން ޝިޕްމަންޓުން ޖެހޭނީ 50 ހާސް މީހުންނަށެވެ.

ކޮވިޑް ވެކްސިން ދިނުމުގެ ކެމްޕޭންގައި އެންމެ ފުރަތަމަ ވެކްސިން ދޭން ނިންމާފައި ވަނީ ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިންނަށެވެ. އޭގެ ފަހުން ކޮވިޑްގެ ހައިރިސްކް މީހުންނަށާއި ދުވަސްވީ މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން