މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެތެރެއިން. (ފޮޓޯ: ރައީސް އޮފީސް)
މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެތެރެއިން. (ފޮޓޯ: ރައީސް އޮފީސް)
ބައިނަލްއަޤްވާމީ ތިން މުޢާހަދާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފިއެވެ.

މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރައްވާފައިވަނީ ދިވެހިރާއްޖެއިން "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" އާއި "ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިން އެންޑް ސިގްނަލްސް 1968" ގައި ބައިވެރިވުމަށާއި ”ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާ“ (ޓީ.އޭ.ސީ) މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުންނެވެ. މިމަޝްވަރާތަކަށްފަހު މިތިން މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ލަފާދެއްވައިފައެވެ.

ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފައިވާ އެއްގަމު އުޅަނދުފަހަރާއި ގުޅޭ ބައިނަލްއަގްވާމީ ދެ މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމުން، މި މުއާހަދާތަކުގައި ސޮއިކޮށްފައިވާ ޤައުމުތަކުގައި، އިތުރު ލައިސެންސްއެއް ނުވަތަ ހުއްދައެއް ނެގުމަކާ ނުލައި، ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީއިން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. އަދި، އެ ޤައުމުތަކުގެ ކަމާގުޅޭ އިދާރާތަކުން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ރާއްޖޭގައިވެސް، އިތުރު ލައިސެންސްއެއް ނުވަތަ ހުއްދައެއް ނެގުމަކާ ނުލައި، ބޭނުންކުރެވޭނެއެވެ.

މި ދެ މުޢާހަދާގައި ބައިވެރިވުމަށް ވަޒީރުން ލަފާދެއްވާފައި ވީ ނަމަވެސް، "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" ގައި، އެއް ޤައުމުން އަނެއް ޤައުމަށް އުޅަނދުފަހަރު ބަދަލުކުރާއިރު އުޅަނދު ރަޖިސްޓްރީ ކުރުމަކާ ނުލައި ދުއްވުމުގެ ހުއްދަދިނުމަށް ބަޔާންކޮށްފައިވާ ނުކުތާއަށް އިޢުތިރާޒު ކުރުމަށް، މިއަދު ބޭއްވި ޖަލްސާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ލަފާދެއްވާފައިވެއެވެ.

ދިވެހިރާއްޖެއިން ބައިވެރިވިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފައިވާ ”ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާ“ (ޓީ.އޭ.ސީ) އަކީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގައި ހިމެނޭ މެންބަރު ޤައުމުތަކުގެ މެދުގައި 1976 ވަނަ އަހަރު ސޮއިކުރެވުނު މުޢާހަދާއެކެވެ. މި މުޢާޙަދާ އެކުލަވައިލާފައި ވަނީ އާސިއާންގެ ޤައުމުތަކުގެ މެދުގައި ޤާއިމުކުރެވިފައިވާ ގުޅުންތައް، ކަނޑައެޅިފައިވާ އުޞޫލުތަކެއްގެ މަތިން ދެމެހެއްޓުމުގެ މަޤުޞަދުގައެވެ. އޭގެ ތެރޭގައި ސައުތް އީސްޓް އޭޝިޔާގެ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، އެ ސަރަޙައްދުގެ ސުލްޙަ މަސަލަސްކަން ޤާއިމުކުރުމާއި، މުޢާހަދާގައި ބައިވެރިވާ ޢާންމު ފަރާތްތަކުގެ މަސްލަޙަތުތައް ހިމާޔަތްކުރުމާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރަންވާނެ ކަމުގައި މި މުޢާހަދާގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖެއިން ޓީ.އޭ.ސީ މުޢާޙަދާގައި ބައިވެރިވުމުން، އާސިއާންގެ ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާވެ، އެކި ދާއިރާތަކުން ދިވެހި ރާއްޖެއަށް ބޭނުންވާ ފަންނީ އެހީތެރިކަން ލިބުމަށް މަގުފަހިވެގެންދާނެ ކަމުގައި ފޮރިން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިތިން މުޢާހަދާގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ދެއްވި ލަފަޔާއެކު، ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން