މާލޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަނެއް
މާލޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަނެއް
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލުގެނެސް، ރޭގަނޑު 10:30 ގައި ބަންދުކުރަން އަންގައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، މިއަދުން ފެށިގެން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށް ކަމަށެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގަވާފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ 08 ވަނަ ދުވަހުން ފެށިގެން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށެވެ. އޭގެފަހުން މިގަޑިތަކަށް ބަދަލުގެނެސް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން މެންދަމު 1:00 އަށް ކަމަށް ކަނޑައަޅާފައިވަނީ މިއަހަރު ޖެނުއަރީމަހު 24 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން، ޖެނުއަރީ 27 ވަނަ ދުވަހުން ފެށިގެން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ނިންމިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް އެޗްޕީއޭއިން ބަދަލު ގެނެސްފައިވަނީ ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދު ގިނަވުމާއިއެކުއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 16،155 އަށް އަރާފައެވެ. 

މީގެއިތުރުން، ރާއްޖެއިން މިހާރު ފެންނަމުންދާ ކޮވިޑް-19ގެ އާ ކޭސްތަކުގެ 30 ޕަސެންޓަކީ އިނގިރޭސިވިލާތުގައިވެސް ފެނިފައިވާ ވައިރަހުގެ އާ ވޭރިއަންޓް ކަމަށްވެސް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން