އަނިޔާވެރިވެގެން ހޯދޭނެ ތާއިދެއް ލިބޭނެ މޮޅެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ބަލަމުންދާ އިތުރު ރަށަކާއި ގުޅޭ މައްސަލައެއްގައި ސުވާލުކޮށް ބަޔާން ނެގުމަށް ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމާއި ގުޅިގެންނެވެ.

ޝިޔާމް ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ޔާމީން ގިނަގިނައިން ފުލުހުންގެ އިދާރާއަށާ ކޯޓަށް ހާޒިރު ކުރަނީ ޕާޓީ މެންބަރުން ރުއްސަން ވެގެން ކަމަށެވެ.

"ޕާޓީ ކުދިންކޮޅު ރުއްސަން 2 އިރު ކާ ބޭހެއް ހެން ރައީސް ޔާމީން ފުލުހަށާއި ކޯޓުތަކަށް ހާޒިރުކޮށް ދެމުން ގެންދާ އަނިޔާ ވަރަށް ގާތުން ބަލަން ދިވެހި ރައްޔިތުން ތިބިކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ދަންނަވާލަން. އަނިޔާވެރިވެގެން ހޯދޭނެ ތާއިދެއް ލިބޭނެ މޮޅެއް ނެތްކަން ތާރީޚް ހެކިދޭ." ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން މިހާރު ވެސްް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އެމަނިކުފާނުގެ މައްޗަށް އިތުރު މައްސަލައެއްގެ ދައުވާ ވެސް މިހާރު ވަނީ އުފުލައިފައެވެ. އަދި އެމައްސަލައިގެ ޝަރީއަތް ވެސް ވަނީ މިހާރު ފަށައިފައެވެ.

އެއީ ރ. ފުއްގިރި ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި އެމަނިކުފާނަށް ފައިސާ ލިބުނު ކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލާގައި މަނީ ލޯންޑަރިން އަދި ރިޝްވަތުގެ ދައުވާ ވެސް އެމަނިކުފާނަށް ވަނީ އުފުލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން