ޖެންޑަރ މިނިސްޓަރ ޢައިޝަތު މުޙައްމަދު ދީދީ (ވ)
ޖެންޑަރ މިނިސްޓަރ ޢައިޝަތު މުޙައްމަދު ދީދީ (ވ)
ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސްނެގުމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވައިލައިފި ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.

މި ޕްރޮގްރާމަކީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 4ވަނަ ބާބަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 46ވަނަ މާއްދާގެ (ށ)ން މިނިސްޓްރީއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމްގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ހަމަތަކާއި އިޖުރާޢަތުތައް ބަޔާންކުރާ ގަވާއިދުގެ ދަށުން ހުޅުވައިލެވުނު ފުރުޞަތެކެވެ.

މި ޕްރޮގްރާމްގެ މަޤްޞަދުތަކުގެ ތެރޭގައި ކޯވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގައި މެދުވެރިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތަށާއި އިޖުތިމާޢީ ހާލަތަށް ކުރިމަތިވެފައިވާ ދަތިކަން ޙައްލުކޮށް، ޢާންމު ހާލަތަށް ރުޖޫޢަވުމަށް މަސައްކަތްކުރުމާއި، އިޤްތިޞާދީ ދަތި ހާލަތުގެ ޒަރޫރިއްޔަތުގެ ތެރެއިން ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރުމަށް ހުރަސްތައް ހުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ބޮޑެތި އަދަދުތަކުން ދަރަނިވެރިވަމުންދާ ޢާއިލާތަކަށް، އެ ފަދަ ޢާއިލާތަކުގެ ހާލަތު ބަދަލުކޮށް، އަމިއްލަ ފައިމައްޗައް ތެދުވުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީން މިއަދު ޢާންމުކުރި އިޢުލާނުގައިވާ ގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅުއްވާނީ އެކަމަށް ޚާއްޞަކުރެވިފައިވާ ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކުން އެހީތެރިކަމަށް އެދި ހުށަހަޅާ ފޯމުން ނެވެ. އަދި ފޯމު ހުށަހަޅުއްވާނީ އެހީއަށް އެދޭ ފަރާތުން ވަޒަންވެރިވާން ބޭނުންވާ ރަށުގެ ކައުންސިލްގެ އިދާރާއަށެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ނަމަ ޖެންޑަރ މިނިސްޓްރީގެ ނަންބަރު 1421 ށް ގުޅުއްވުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

500 ޢާއިލާއަކަށް އަމާޒުކޮށްގެން ހިންގޭ މި ޕްރޮގްރާމްގެ ތެރެއިން ދެވޭ އެހީތަކުގެ ތެރޭގައި އެސްޓަބްލިޝްމަންޓް ސަޕޯޓު އެލަވަންސް، ދަތުރުފަތުރުގެ ޚަރަދު ހަމަޖައްސައިދިނުމަށް ފޯރުކޮށްދެވޭ މާލީ އެހީ، ގޯތި ނުވަތަ ޢިމާރާތް މަރާމާތުކުރުމަށް ފޯރުކޮށްދެވޭ މާލީ އެހީ، ގޭބީސީގައި ހިފައިގެންގުޅޭ ތަކެތި ހޯދުމަށް ފޯރުކޮށްދެވޭ މާލީ އެހީ އަދި ގޭބީސީގެ ފަރުނީޗަރު ހޯދުމަށް ފޯރުކޮށްދެވޭ މާލީ އެހީ ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން