މާސްކް އަޅައިގެން ފުލުހެއް ޑިއުޓީގައި
މާސްކް އަޅައިގެން ފުލުހެއް ޑިއުޓީގައި
އެޗްޕީއޭގެ އެންގުމާ ޚިލާފަށް ރަށްރަށުގައި މާސްކް ނާޅާނަމަ އެއްހާސް ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

އެޗްޕީއޭ އިން އިއްޔެވަނީ މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ މީހުން ދިރިއުލޭ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުވާނެ ކަމަށް ނިންމަވާފައެވެ. އެކަމާ ގުޅިގެން މިއަދު ނޫސްވެރިންނަަށް މައުލޫމާތު ދެއްވަމުން ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައިވެސް އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ކުރާ ދުވަހުން ފެށިގެން އެކަން ތަންފީޒު ކުރާނެ ކަމަށެވެ.

އަދި ފުލުހުންގެ ހިދުމަތް ލިބެން ނެތް، ފުލުހުން ޤާއިމްވެ ނުތިއްބަވާ ރަށްރަށުގައި މާސްކު އެޅުމުގެ ގަވައިދާ ހިލާފުވާ ފަރާތްތައް ބަލައި ފިޔަވަޅު އަޅާނީ އެ ރަށެއްގެ ޓާސްކު ފޯސްއިން ކަމަށް ސަމީރު ވިދާޅުވި އެވެ. އަދި މާސްކް ނާޅައި އުޅޭ ފަރާތްތައް ނަސޭހަތް ދިނުމަކައި ނުލައި 1،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ އެޗްޕީއޭ އިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، 2021 ފެބުރުވަރީ 7 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައި އުޅޭއިރު، އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވައިވާ ގޮތަށް މާސްކު އެޅުމަކީ މަޖުބޫރުކަމެއް ކަމަށެވެ. ނަމަވެސް އުމުރުން ދެއަހަރުން ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތުގައާއި، އެހެން މީހެއްގެ އެހީއާނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުން މާސްކް އެޅުމުގެ އުސޫލުތަކުން އިސްތިސްނާވެއެވެ.

ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު، ރާއްޖޭގައި އިޢުލާނު ކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ރާއްޖޭގައި ކޯވިޑް-19 ފެތުރޭ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެ އެކަމާގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް ވަނީ ހަރުކަށިކޮށްފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން