ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން ޖުމްލަ 1578 މީހަކު ވެކްސިން ޖަހައިފިއެވެ.

މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މާލެއިން އެކަނިވެސް 643 މީހަކު މިހާތަނަށް ވެކްސިން ޖަހާފައިވެއެވެ.

އަދި މިކެމްޕޭނުގެ ދަށުން އަތޮޅުތެރެއާއި މާލެއިން މިއަދު 742 މީހަކު ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން މި ވެކްސިން ޖެހުމުގެ ކެމްޕޭނުގައި ޖުމްލަ 269 މީހަކު އަތޮޅުތެރެއިން މިހާތަނަށް ވެކްސިންޖަހައިފައިވާއިރު، މިއަދު 99 މީހަކު އަތޮޅުތެރެއިން ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ވެކްސިން ޖެހުމުގެ ކެމްޕޭނު ކުރިއަށްދަނީ ރާއްޖޭގެ ތިން ސަރަހައްދެގައެވެ. އެއީ މާލެ، އައްޑޫ އަދި ކުޅުދުއްފުށީގައެވެ. މިތިން ސަރަހައްދުގައި ވެކްސިން ޖަހަމުން ގެންދާއިރު މާލެ ސަރަހައްދުގައި ހަ ވެކްސިން ސެންޓަރު ގާއިމު ކުރެވިފައިވެއެވެ. އަދި އަތޮޅު ތެރޭގައި ތިން ވެކްސިން ސެންޓަރެއް ގާއިމު ކުރެވިފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނު "ކޯވިޑް-19 ދިފާޢު" ރަސްމީކޮށް ފައްޓާފައިވަނީ ފެބްރުއަރީމަހު އެއްވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ ކެމްޕޭނުގައި އަދި ބޭނުންކުރަމުން ދަނީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑު ވެކްސިނެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކޮވިޝީލްޑު ވެކްސިނުގެ އެއްލައްކަ ޑޯޒް ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ދީފައިވަނީ ޚާއްޞަ އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން