ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
ދިވެހިރާއްޖޭގެ އިގްތިޞާދު ހަމައަކަށް އަޅުވައި އެންމެނަށް ވެސް އާންމު ދިރިއުޅުމަށް ރުޖޫޢަ ވެވޭނީ ގިނަ ބަޔަކު ވެކްސިން ޖަހައިގެން ކަމަށް ވިދާޅުވެ މި ފުރުސަތުގައި އެންމެން ވެސް ވެކްސިން ޖަހަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި 2021 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން އެމަނިކުފާނު ވަނީ ފާއިތުވެގެންދިޔަ އަހަރު ދިވެހިރާއްޖެ ކޯވިޑް-19އާ ދެކޮޅަށް ކުރި މަސައްކަތްތަކާ މިހާރު އާދެވިފައި އޮތް ހިސާބަށް އަލި އަޅުއްވާލައްވާފައެވެ. އެގޮތުން މިހާރު ރާއްޖެއަށް ކޯވިޑް-19 ވެކްސިން ގެނެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އެންމެނަށް ވާވަރަށް ވެކްސިން ލިބޭނެކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ. އަދި ހުރިހާ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެސް ރާއްޖޭގައި ވެކްސިން ޖަހައިދޭނީ މުޅިން ހިލޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު އޮތް ޖަލްސާގައި ރައީސް ވިދާޅުވީ ކޯވިޑް-19ގެ ދަތިތަކަށް ފަހު ސްކޫލްތަކުގެ ކިޔެވުން ފަށައި، ދަތުރުފަތުރު ރަނގަޅަށް ފެށޭނީ ވީހާ ވެސް ގިނަބަޔަކު ވެކްސިން ޖަހައި ބަލިން ރައްކާތެރިކަން ހޯދައިގެން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ، އެންމެހައި ދިވެހިންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް، އަޅުގަނޑުމެން ކޮވިޑް ވެކްސިން ޖަހައިދޭނީ މުޅިން ހިލޭ. ކޯވިޑްގެ ދަތިތަކަށް ފަހު، ވިޔަފާރިތައް އަލުން ހިނގައިގަނެ، ސްކޫލް މަދަރުސާތަކުގެ ކިޔެވުން ދާއިމީ ގޮތެއްގައި ފެށޭނީ، އަދި ޢާންމު އުޞޫލުން ދަތުރުފަތުރުތައް ފެށޭނީ ވެސް، ރާއްޖޭގެ ވީހާ ގިނަ ބަޔަކު، ވެކްސިން ޖަހައި، މިބައްޔާ ދެކޮޅަށް ރައްކާތެރިކަން ހޯދައިގެން. އެހެންކަމުން މި ފުރުޞަތުގެ ބޭނުން ހިއްޕަވައި، ހުރިހާ ބޭފުޅުންވެސް ވެކްސިން ޖެއްސެވުމަށް އަޅުގަނޑު އިލްތިމާސްކުރަން"

ކޯވިޑް-19ގެ ހާލަތުން އަރައިގަތުމަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުންކުރީ އެ ބަލިން ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށް ކަމަށެވެ. ބައެއް ފިޔަވަޅުތައް އެޅި އިރު އޭގެ ނަތީޖާ އެނގިތިބެ ވެސް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެ ފިޔަވަޅުތައް އަޅަން މަޖުބޫރުވިކަމަށާއި، ބޯޑަރު ބަންދުކޮށް މާލެ ލޮކްޑައުންކުރުމަކީ ފަސޭހަ ނިންމެވުމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ފިޔަވަޅުތަކާއެކު، މިބައްޔަށް ފަރުވާކުރެވޭ ވަރަށް ރާއްޖޭގެ ސިއްޙީ ނިޒާމު ގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ފެށި ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި، އެ ބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖައްސައި ، 362 ސިއްޙީ ޚިދުމަތްތެރިން ތަމުރީންކުރި ކަމަށާއި ދުވާލަކު 5600 އަށްވުރެ ގިނަ ކޯވިޑް ޓެސްޓް ހެދުމުގެ ޤާބިލުކަން ރާއްޖޭގައި މިހާރު ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ލޮކްޑައުންއަށް ލުއިދީ ބޯޑަރު ހުޅުވައި ފަތުރުވެރިން އަންނަން ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން