މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫނު
މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫނު
ކުރީގެ ރައީސް, ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވި ދުވަހު އެމްޑީޕީން ކަންކުރި ގޮތަށް މިއަދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވެވިއިރު ކަންނުކުރީ ރާއްޖެއަށް އިހުތިރާމުކުރާތީ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ބޮޑުބޭބޭފުޅު، ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މިފަދައިން ވިދާޅުވީ މިއަދު ރައީސް ޞާލިޙްގެ ރިޔާސީ ބަޔާނާ ގުޅިގެން، ރައީސް ޔާމީން މިނިވަންކުރުމަށް ގޮވައިލާ އިދިކޮޅު ފަރާތްތަކުން މަޖިލިހުގައި ކުރި ހިމޭން އިހުތިޖާޖަށް އިޝާރާތްކުރައްވައެވެ. މިއަދުގެ މަޖިލިހުގައި އަޑުގަދަކުރައްވައި އިހުތިޖާޖުކުރެއްވީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާ މެންބަރު ޢަބްދުﷲ ޖާބިރެވެ.

ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވަން ވަޑައިގަތުމުން އެމަނިކުފާނުގެ ބަޔާނުގެ އަޑު އާންމުންނަށް ނީވޭ މިންވަރަށް އެމްޑީޕީގެ މަޖިލިސް މެންބަރުންވަނީ އަޑުގަދަކުރައްވައި ތަޅުމުގައި އިހުތިޖާޖުކޮށް، އެމަނިކުފާނަށް ބަހުގެ އެކި ހަމަލާތައް ވެސް ދެއްވާފައެވެ.

ޣައްސާން ވިދާޅުވީ ޤައުމުގެ އަގު ވެއްޓޭ ގޮތަށް އަމަލުކުރުމަކީ ޑިމޮކްރަސީގެ އުޞޫލު ނޫންކަމަށެވެ. އަދި އެމްޑީޕީން މީގެ ކުރިން ކަންކަން ކުރި ގޮތަށް ޕީޕީއެމުން މިއަދު ކަންތައް ނުކުރީ ހަމައާއި އުޞޫލު ޤަބޫލުކުރާތީ ކަމަށް ވެސް ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޕީޕީއެމުން ރިވެތިކޮށް ކަންކުރި ސަބަބަކީ އެ ޕާޓީއަކީ ޞުލްޙަވެރިކަމާއި ސަރުކާރު ޖަވާބުދަރީކުރުމުގެ ޒިންމާ އަދާކުރަން ކެރޭ ޕާޓީއަކަށްވާތީ ކަމުގައި ވެސް ޣައްސާން ވިދާޅުވިއެވެ. އަދި ޕީޕީއެމުން މިއަދު ޞުލްޙަވެރިކަމާއެކު އިހުތިޖާޖުކުރީ ދުވަހަކުވެސް ޤައުމަށް ދެރަވާނެ ގޮތެއް ނޭދޭތީ ކަމުގައި ޣައްސާން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ވެސް އިހުތިޖާޖުކުރީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމިން މިނިވަން ކުރުމަށް ގޮވާލައެވެ. އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ބުނަނީ އެމަނިކުފާނު ޖަލަށް ލާފައި ވަނީ ބޭއިންސާފުން ކަމަށެވެ. އަދި ރައީސް ޔާމީނަށް ކުރާ ތުހުމަތު ތަކަކީ ސިޔާސީ ގޮތުން ކުރާ ދޮގު ތުހުމަތު ތަކެއް ކަމުގައި އިދިކޮޅުން ބުނެއެވެ.

ރައީސް ޔާމީން ޖަލަށް ލާފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ތުހުމަތު ޝަރީޢަތުން ސާބިތުވެ ފަސް އަހަރުގެ ހުކުމެއް ރައީސް ޔާމިންގެ މައްޗަށް އިއްވުމާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން