ޗައިނާ ސަރުކާރުން ރާއްޖެއަށް އެއްލައްކަ ޑޯޒް ކޯވިޑް ވެކްސިން ހަދިޔާ ކުރަން ނިންމައިފިއެވެ.

މިކަން ހާމަ ކުރަށްވާފައި ވަނީ ޗައިނާ ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގ ލީ ޒޮންގ މިއަދު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރަށްވައި މިކަމުގައި މަޝްވަރާ ކުރަށްވާފައިވާ ކަމަށެވެ. އަދި ޗައިނާއިން ރާއްޖޭގެ ރައްޔިތުންނަށް އެއްލައްކަ ޑޯޒް ކޯވިޑް ވެކްސިން ހަދިޔާ ކުރަން ނިންމައި އެމަސަކަތް ކުރަށްވަމުން ގެންދަވާކަމަށް ސަފީރުވަނީ ހާމަ ކުރަށްވާފައެވެ.

"ރާއްޖޭގެ ޚާރިޖީ ވަޒީރާ ބައްދަލުކޮށް ޗައިނާ ސަރުކާރުން ދިވެހި ރައްޔިތުންނަށް އެއްލައްކަ ޑޯޒް ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ ވާހަކަ ދިވެހި ސަރުކާރާއި ހިއްސާ ކޮށްފިން. މިހާރު މަސައްކަތް ކުރަމުން މިދަނީ ވީ އެންމެ އަވަހަކަށް ވެކްސިން ރާއްޖެއަށް ގެނެވޭނެ ގޮތެއް ހަމަޖެއްސުމަށް." ސަފީރު ކުރަށްވާފައިވާ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޗައިނާއިން މިހާތަނަށް ރާއްޖެއަށް ދީފައިވާ ލޯނުތަކާއި ދެކޮޅަށް ވަކާލާތުކޮށް ފާޑުވިދާޅުވަމުން ގެންދަވާ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޓެގް ކުރަށްވައި ސަފީރު ކުރަށްވާފައިވާ މި ޓްވީޓްގައި ޗައިނާއިން މަސައްކަތް ކުރަނީ ކޯވިޑް ވެކްސިނަކީ ފަސޭހަ ކަމާއެކު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ލިބެން ހުންނަ އެއްޗަކަށް ހެދުމަށްކަމަށް ވެސް ސަފިރު ވިދާޅުވެފައި ވެއެވެ.

ކޯވިޑް-19 އަށް ޗައިނާގައި އުފައްދާ ވެކްސިން ތަކުގެ ތެރެއިން ސިނޮފާމް ގެ ވެކްސިން އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ ހުސްވި މަހު ވަނީ ޗައިނާ ސަރުކާރުން ދީފައެވެ. މިހާތަނަށް ސިނޮފާމުން އާންމުކޮށްފައިވާ ޑޭޓާ ތަކަށް ބަލާއިރު މިވެކްސިންގެ ރައްކާތެރިކަން 79 އިންސައްތައަށް ވުރެ މަތި ކަމަށް ރިޕޯޓްތައް ބުނެއެވެ.



ޗައިނާގެ އިތުރުން ސިނޮފާމްގެ ވެކްސިން ވަނީ ބޭރުގެ ބައެއް ގައުމު ތަކުގައި ވެސް ބޭނުން ކުރަން ފަށާފައެވެ.

ވެކްސިން އުފެއްދުމުގެ ވާދަވެރިކަމަކީވެސް މިއަދު ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި މިހާރު ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ ކަމެކެވެ. މިގޮތުން ކޯވިޑް ވެކްސިންގައި ޗައިނާގެ އެންމެ ބޮޑު ވާދަވެރިއަކީ އެމެރިކާއެވެ.

ޗައިނާގެ ވެކްސިނާ ވާދަކުރާ އަނެއް ދެ ވެކްސިނަކީ މޮޑަނާއާއި ފައިޒާ، ބަޔޯޓެކް ގެ ވެކްސިނެވެ. މިދެ ވެކްސިންގެ ރައްކާތެރި ކަމުގެ އިންސައްތަ އުޅެނީ 95 އިންސައްތައިގައެވެ. ފައިޒާ ވެކްސިން ދުނިޔޭގެ 40 ގައުމެއްގައި ބޭނުން ކުރުމަށް މިހާރު ވަނީ ހުއްދަ ދީފައެވެ. މޮޑަނާ ވެކްސިން އަދި ބޭނުން ކުރަމުން ދަނީ ހަމައެކަނި އެމެރިކާގައެވެ. އެހެން ގައުމުތަކުން މަޑުކޮށްގެން ތިބީ އެވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހުލީލުތަކުގެ ނަތީޖާއަށެވެ.

ރާއްޖޭގައި ވެސް ވަނީ ކޯވިޑް ވެކްސިން ޖަހަން ފަށާފައެވެ. ރާއްޖޭގައި ބޭނުން ކުރަނީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނެވެ. މިއީ އޮކްސްފޯރޑާއި އެސްޓަރަޒެނެކާގެ އުފެއްދުމެކެވެ. އިންޑިއާގައި ކޮވިޝީލްޑް އުފައްދަނީ މިދެކުންފުނީގެ ވެކްސިންގެ ފޯމިއުލާ ބޭނުން ކޮށްގެންނެވެ. އިންޑިއާއިން ހަދިޔާ ކޮށްފައިވަނީ އެއްލައްކަ ޑޯޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން