އިލެކްޝަން ކޮމިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި
އިލެކްޝަން ކޮމިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވަންޓުންގެ ސަސްޕެންޝަނަށް ހައްލެއް ހޯދައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.

ހައިކޯޓުން ބުނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުށަހެޅި ދުސްތޫރީ މައްސަލައަކީ އެ ކޯޓަށް އިޚްތިސާސް ލިބިދޭ ބާވަތުގެ ދުސްތޫރީ މައްސަލައެއްކަމުގައި ނުވާތީ، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިނުގަންނަން ނިންމާފައިވާ ކަމަށެވެ.

"ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ސިވިލް ސާވަންޓުންގެ ސަސްޕެންޝަނާ ގުޅިގެން، ސިވިލް ސާވިސް ކޮމިޝަނުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް އިހުތިސާސް ލިބިދޭ ބާވަތުގެ ދުސްތޫރީ މައްސަލައެއްކަމުގައި ނުވާތީ، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިނުގަންނަން ވަނީ ނިންމާފައި." ހައިކޯޓުން ބުންޏެވެ.

ސީއެސްސީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުއެވެ.

ލޯކަލް ކައުންސިލް ގާނޫނު ބުނާ ގޮތުން ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފަކު، ލޯކަލް ކައުންސިލް އިންތިހާބަކަށް ކުރިމަތިލާ ތާރީހުން ފެށިގެން އެ މުވައްޒަފަކު ސަސްޕެންޑުވެ، ލިބެމުންދާ މުސާރަ އާއި އިނާޔަތްތައް ލިބުން މެދުކެނޑޭނެއެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާ ފެނަކަ މުވައްޒަފުންގެ ސަސްޕެންޝަން އެ ކުންފުނިން ވަނީ އުވާލައިފައެވެ.

ކޯވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، އިންތިޚާބާ މެދު ގޮތެއް ނިންމުމުގެ މައްސަލަ މިވަގުތު އޮތީ މަޖިލީހުގައެވެ. އިންތިޚާބު އަލުން ބާއްވާނެ ދުވަހެއް މަޖިލީހުން އަދި ނިންމާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން