ހުޅުމާލޭގައި ހުރި ހަދަމުންދާ އިމާރާތްތަކެއް
ހުޅުމާލޭގައި ހުރި ހަދަމުންދާ އިމާރާތްތަކެއް
ހުޅުމާލޭގައި އަލަށް އަޅާ، އެފޯޑަބަލް ރޭންޖްގެ 2،000 ހައުސިން ޔުނިޓްގައި ހިމެނެނީ ތިން ކޮޓަރި އާއި ދެ ކޮޓަރީގެ ޔުނިޓްތަކެއް ކަމަށާއި އަމާޒަކީ ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އެ މަސައްކަތް ނިންމުން ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ބުނެފި އެވެ.

ބޯހިޔާވަހިކަމަށް ހައްލު ހޯދަން މާލެ ސަރަހައްދުގައި މަދުވެގެން 5،000 ފްލެޓު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް ޞާލިޙް އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި ހައުސިން ޔުނިޓުތަކަކީ ކުރިން ތަރައްގީކޮށްފައިވާ މި ގިންތީގެ ހައުސިން ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި، ނިސްބަތުން އަގު ވެސް ހެޔޮ ޔުނިޓުތަކަކަށް ވާނެއެވެ.

މީގެ ތެރެއިން 2000 ހައުނސިންގ ޔުނިޓް ތަރައްގީ ކުރަނީ ހުޅުމާލޭގައެވެ. އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ 2،000 ހައުސިން ޔުނިޓްގެ މަސައްކަތު އެއްބަސްވުމުގައި އިންޑިއާގެ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ ދިވެހި ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއެކު މިދިޔަ އަންގާރަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާޅު ކުރީ ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކުރާ ގޮތަށެވެ.

މި 2،000 ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރި އަދި ތިން ފާހަނާގެ 1،400 ޔުނިޓާއި ދެ ކޮޓަރި އަދި ދެ ފާހަނާގެ 600 ޔުނިޓެވެ. މި މަސައްކަތް 900 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ ދެ އަހަރާއި ބައިގެ މުއްދަތެކެވެ.

މި މަސައްކަތަށް ހޭދަވާ ސީދާ އަގެއް އަދި ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން