ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން 4000 އަށްވުރެއް ގިނަ މީހުން ވެކްސިން ޖަހައިފިއެވެ.

މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މާލެއިން އެކަނިވެސް ޖުމްލަ 3،573 މީހަކު މިހާތަނަށް ވެކްސިން ޖަހާފައިވެއެވެ. އަދި މީގެ ތެރެއިން 727 މީހަކު ވެކްސިން ޖަހާފައިވައިވަނީ މިއަދުއެވެ.

އަދި މިކެމްޕޭނުގެ ދަށުން އަތޮޅުތެރެއާއި މާލެއިން މިއަދު 1003 މީހަކު ވެކްސިން ޖަހާފައިވާއިރު، މުޅި ޖުމްލަ މިހާތަނަށް 4،269 މީހުން ވެކްސިން ޖަހައިފައިވެއެވެ.

މީގެ އިތުރުން މި ވެކްސިން ޖެހުމުގެ ކެމްޕޭނުގައި ޖުމްލަ 696 މީހަކު އަތޮޅުތެރެއިން ވެކްސިންޖަހައިފައިވާއިރު، މިއަދު 216 މީހަކު އަތޮޅުތެރެއިން ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ވެކްސިން ޖެހުމުގެ ކެމްޕޭނު ކުރިއަށްދަނީ ރާއްޖޭގެ ތިން ސަރަހައްދެގައެވެ. އެއީ މާލެ، އައްޑޫ އަދި ކުޅުދުއްފުށީގައެވެ. މިތިން ސަރަހައްދުގައި ވެކްސިން ޖަހަމުން ގެންދާއިރު މާލެ ސަރަހައްދުގައި ހަ ވެކްސިން ސެންޓަރު ގާއިމު ކުރެވިފައިވެއެވެ. އަދި އަތޮޅު ތެރޭގައި ތިން ވެކްސިން ސެންޓަރެއް ގާއިމު ކުރެވިފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދެވެމުންދާ ވެކްސިން ދިނުމުގެ ކެމްޕޭނު "ކޯވިޑް-19 ދިފާޢު" ރަސްމީކޮށް ފައްޓާފައިވަނީ ފެބްރުއަރީމަހު އެއްވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ ކެމްޕޭނުގައި އަދި ބޭނުންކުރަމުން ދަނީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑު ވެކްސިނެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކޮވިޝީލްޑު ވެކްސިނުގެ އެއްލައްކަ ޑޯޒް ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ދީފައިވަނީ ޚާއްޞަ އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށެވެ.

ރާއްޖޭގައި ކުރިއަށްގެންދެވެމުންދާ ވެކްސިން ދިނުމުގެ ކެމްޕޭންގައި އެންމެ ފުރަތަމަ ވެކްސިން ދޭން ނިންމާފައި ވަނީ ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިންނަށެވެ. އޭގެ ފަހުން ކޮވިޑްގެ ހައިރިސްކް މީހުންނަށާއި ދުވަސްވީ މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން