ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމުގައި އަމަލުކުރަންވީ އުސޫލުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންކަން މަޖިލީހާއި ހިއްސާކޮށް އިންތިޚާބު ފަސްކުރުމަށް ހުށައަޅަން އީސީން ކުރާ މަސައްކަތަކީ ދުރާލާ ރޭވިގެން ކުރާ ކަމެއް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އެކަމަށް ފާޑުކިޔައިފިއެވެ.

އީސީއިން ބުނެފައިވަނީ އެޗްޕީއޭއިން މިހާރު އެކުލަވާލައި އިއުލާންކޮށްފައިވާ ގައިޑްލައިންގައި އިލެކްޝަން ކޮމިޝަނުން ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އަދި އިލެކްޝަނުން ބައްދަލުވުމެއް ބާއްވައި ކަނބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު އެކަންކަން މަޖިލީހާއި ހިއްސާކުރާނެ ކަމަށެވެ. އަދި ފަހުން އީސީން ބުނެފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަކީ ދަތި ކަމެއް ކަމަށާއި އަދި އެގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް މިހާރަށްވުރެ ދެގުނަ ޚަރަދުވެސް ބޮޑުވެގެން ދާނެ ކަމަށެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅު ކުރަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވީ އެއީ ދުރާލައި ރޭވިގެން އައި ކަމެއް ކަމަށެވެ.

"ތީ ދުރާލާ ރޭވިގެން ހިންގާ ޖަރީމާ. އިންތިހާބު ލަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލަމުން. ރައްޔިތުންނަށް ވޯޓް ފޮށި ފޮރުވައިގެން އަބަދަކު ނުތިބެވޭނެ. إن شاء الله." ޝުޖާޢު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

އިންތިޚާބު ފަސްކުރަން އުޅޭތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ، އިންތިހާބު ފަސްކުރުމަށް މަޖިލީހުގައި އެދުމަށް އީސީން މަސައްކަތް ކުރަމުން އަންނަކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރަށްވާފައެވެ. ޝަރީފް ވިދާޅުވީ، އިންތިހާބު ފަސްކޮށްދޭން އެދެނީކީ ނޫން ކަމަށާއި، ނަމަވެސް މިހާރު އެކުލަވާލާފައިވާ ގައިޑްލައިންގައި ހުރި ކަންކަން މަޖިލީހާއި ހިއްސާކޮށް އެކަންކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަން މަސައްކަތް ކުރަށްވަނީ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނުގައިވާގޮތުން ކައުންސިލް އިންތިހާބު ބޭއްވުމުގެ އެންމެހާ ކަންކަން އިލެކްޝަން ކޮމިޝަނުން ކުރަންވާނީ އެޗްޕީއޭއިން އަންގާ ގޮތެއްގެ މަތީންނެވެ. އެޗްޕީއޭއިން މިހާރު ވަނީ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން މަސައްކަތް ކުރަން ޖެހޭގޮތާއި ކެމްޕޭން ކުރަން ޖެހޭ ގޮތްވެސް ހިމެނޭ ގޮތަށް، އީސީ އަމަލު ކުރާނެ ގައިޑްލައިނެއް އެކުލަވާލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން