ކޮވިޑް-19 ގެ ދިފާޢީ ވެކްސިން ޖެހުމަށް މިހާރު ފަށާފައިވާ ކެމްޕޭންގައި ބައިވެރި ވެކްސިން ޖަހަން ދާ މީހުންގެ އަދަދު އިތުރުވާތީ ޑރ އަހްމަދު ފައިސަލް ތައުރީފް ކުރަށްވައިފިއެވެ.

ވެކްސިން ޖެހުމަށް ދިވެހި ރައްޔިތުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ފާހަގަ ކުރަށްވަމުން ޑރ. ފައިސަލް ވިދާޅުވީ ‏ދިވެހިންނަކީ ފެށުނީއްސުރެވެސް ވެކްސިން ޖެހުމަށް ވަރަށް ފަރުވާތެރިބައެއް ކަމަށެވެ.

"‏ދިވެހިންނަކީ ފެށުނީއްސުރެވެސް ވެކްސިން ޖެހުމަށް ވަރަށް ފަރުވާތެރިބައެއް. އެކަމުގެ މަންފާ މިގައުމުން ފެންނާނެ. އެތައްބައްޔެއް މިގައުމުން ފޮހެލާފައިވަނީ މި ސަރަހައްދުގެ އަމާޒަށްވުރެވެސް މާކުރިން. އަލްހަމްދުލިﷲ" ޑރ ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ކޮވިޑްގެ ދިފާޢީ ވެކްސިން ޖެހުމުކެ ކެމްޕޭން އިފްތިތާހު ކުރީ ފެބްރުއަރީ އެކެއްގައެވެ. ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވުމަށް ޚާއްޞަ ވެބްސައިޓެއް ވެސް ވަނީ ހުޅުވާލާފައެވެ.

ކޮވިޑްގެ ދިފާޢީ ކެމްޕޭންގެ ދަށުން ފުރަތަމަ ވެކްސިން ޖެހީ ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިންނަށެވެ. އޭގެ ފަހުން ހައިރިސްކް މީހުންނަށް ވެކްސިން ޖަހަން ހުޅުވާލުމަށްފަހު އެންމެ ފަހުން ވެކްސިން ޖަހަން ފުރުސަތު ހުޅުވާލީ 55 އަހަރުން މަތީގެ މީހުންނަށެވެ.

އިއްޔެގެ ނިޔަލަށް 3،204 މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ. މާލެ ސަރަހައްދުގެ ހަ މަރުކަޒެއްގަ އާއި ހަ އަތޮޅެއްގައި މިހާރު ދަނީ ވެކްސިން ޖަހަމުންނެވެ.

ރާއްޖޭގައި އަދި ޖަހަމުން ގެންދަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެގައުމުން ރާއްޖެއަަށް އެއްލައްކަ ޑޯޒް ހަދިޔާކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން