‏އިންތިޚާބު ފަސްކުރަން މަޖްލިހަުގައި އެދުމަކީ އިލެކްޝަންސް ކޮމިޝަނުން ޤާނޫނު އަސާސީއާ ޤާނޫނާ ޚިލަފަށް ހިންގާ ޢަމަލެއް ކަމަށް މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރަށްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމުގައި އަމަލުކުރަންވީ އުސޫލުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންކަން މަޖިލީހާއި ހިއްސާކޮށް އިންތިޚާބު ފަސްކުރުމަށް ހުށައަޅަން އީސީން މަސައްކަތް ކުރަމުން ގެންދާތީ އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.

އަލްހާން ވިދާޅުވީ މަޖިލީހުގައި މެޖޯރިޓީ އޮތް ނަމަވެސް ހިތުހުރި ގޮތަކަށް ދައުލަތުގެ ކަންކަން ކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ.

"އިންތިޚާބު ލަސްކުރަން މަޖްލިހަުގައި އެދުމަކީ އިލެކްޝަންސް ކޮމިޝަނުން ޤާނޫނު އަސާސީއާ ޤާނޫނާ ޚިލަފަށް ހިންގާ ޢަމަލެއް! މެޖޯރިޓީ އޮތަކަސް ހިތުހުރިހާ ގޮތަކަށް ދައުލަތުގެ ކަންކަން ނީންމުމުގެ ބާރެއް އެއްވެސް ފަރާތަކަށް ނޯންނާނެ!" ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީސް ރައީސް މުހައްމަދު ނަޝީދާއި އިލެކްޝަންސް ކޮމިޝަން ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގައި އަލްހާން ވިދާޅުވެފައިވެއެވެ.

އިންތިހާބު ފަސްކުރުމަށް މަޖިލީހުގައި އެދުމަށް އީސީން މަސައްކަތް ކުރަމުން އަންނަކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރަށްވައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ އިންތިހާބު ފަސްކޮށްދޭން އެދެނީކީ ނޫން ކަމަށާއި، ނަމަވެސް މިހާރު އެކުލަވާލާފައިވާ ގައިޑްލައިންގައި ހުރި ކަންކަން މަޖިލީހާއި ހިއްސާކޮށް އެކަންކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަން މަސައްކަތް ކުރަށްވަނީ ކަމަށެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުގެ ހުރި ކަންބޮޑުވުންތައް ފާޅު ކުރަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެފައިވަނީ އެއީ ދުރާލައި ރޭވިގެން އައި ކަމެއް ކަމަށެވެ.

ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ލޯކަލް ކައުންސިލް އިންތިހާބު ފަސްނުކޮށް, މިހާރު ކަނޑައެޅިފައިވާ ތާރީޚުގައި އިންތިހާބު ބޭއްވުމަށް އިލްތިމާސް ކުރަށްވާފައެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތްކުރަމުންދާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އެޗްޕީއޭ އިން އެކުލަވާލި އުސޫލުގައި ވަނީ، ތާއިދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލުކޮށް މުޢާމަލާތްކުރުމުގެ ބަދަލުގައި، އޮންލައިން ޕްލެޓްފޯމްތައް އިޚްތިޔާރުކުރުމަށް އެދިފައިވެއެވެ. އޭގެ އިތުރުންވެސް ގިނަ ޝަރުތުތަކެއް ކަނޑައަޅާފައިވާތީ އިންތިޚާބުގެ އިންތިޒާމްތަކަށް ކުރިއާ ޚިލާފު ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށާއި ޚަރަދުވެސް ދެގުނަ ބޮޑުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ފާއިތުވި އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިޚާބު ފަސްކުރަން ނިންމީ ކޯވިޑް-19އާ ގުޅިގެންނެވެ. އޭރު އެކުލަވާލި ޚާއްސަ ޤާނޫނެއްގެ ދަށުން އިންތިޚާބު ފަސްކޮށް އޭރު ތިބި ކައުންސިލަރުންގެ ދައުރުވެސް ވަނީ ދަންމާލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން