ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން ޖުމްލަ 12،934 މީހަކު ވެކްސިން ޖަހައިފިއެވެ.

މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މާލެއިން 10،626 މީހަކު މިހާތަނަށް ވެކްސިން ޖަހާފައިވެއެވެ. އަދި މީގެތެރެއިން މިއަދު އެކަނިވެސް 2،663 މީހަކު މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވެއެވެ.

މީގެ އިތުރުން ޖުމްލަ 2،308 މީހަކު އަތޮޅުތެރެއިން ވެކްސިންޖަހައިފައިވާއިރު، މިއަދު އެކަނިވެސް 527 މީހަކު އަތޮޅުތެރެއިން ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

އަދި މިކެމްޕޭނުގެ ދަށުން އަތޮޅުތެރެއާއި މާލެއިން ޖުމްލަކޮށް 3،190 މީހަކު މިއަދު ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ވެކްސިން ޖެހުމުގެ ކެމްޕޭނު ކުރިއަށްދަނީ ރާއްޖޭގެ ތިން ސަރަހައްދެގައެވެ. އެއީ މާލެ، އައްޑޫ އަދި ކުޅުދުއްފުށީގައެވެ. މިތިން ސަރަހައްދުގައި ވެކްސިން ޖަހަމުން ގެންދާއިރު މާލެ ސަރަހައްދުގައި ހަ ވެކްސިން ސެންޓަރު ގާއިމު ކުރެވިފައިވެއެވެ. އަދި އަތޮޅު ތެރޭގައި ތިން ވެކްސިން ސެންޓަރެއް ގާއިމު ކުރެވިފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދެވެމުންދާ ވެކްސިން ދިނުމުގެ ކެމްޕޭނު "ކޯވިޑް-19 ދިފާޢު" ރަސްމީކޮށް ފައްޓާފައިވަނީ ފެބްރުއަރީމަހު އެއްވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ ކެމްޕޭނުގައި އަދި ބޭނުންކުރަމުން ދަނީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑު ވެކްސިނެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކޮވިޝީލްޑު ވެކްސިނުގެ އެއްލައްކަ ޑޯޒް ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ދީފައިވަނީ ޚާއްޞަ އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށެވެ.

ރާއްޖޭގައި ކުރިއަށްގެންދެވެމުންދާ ވެކްސިން ދިނުމުގެ ކެމްޕޭންގައި އެންމެ ފުރަތަމަ ވެކްސިން ދޭން ނިންމާފައި ވަނީ ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިންނަށެވެ. އޭގެ ފަހުން ކޮވިޑްގެ ހައިރިސްކް މީހުންނަށާއި ދުވަސްވީ މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން