ރިޟްވާނަށް ބިރުދައްކަން ބޭނުންކުރި ކަމަށް ބުނާ ވަޅި
ރިޟްވާނަށް ބިރުދައްކަން ބޭނުންކުރި ކަމަށް ބުނާ ވަޅި
ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނަށް ބިރު ދެއްކަން ބެނުންކުރި ކަމަށް ބުނާ ވަޅި ރާއްޖޭން ބޭރަށް ފޮނުވައިގެން ތަހުލީލް ކުރަމުންދާ ކަމަށް ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިއަދު ބުނެފިއެވެ.

މަރު ކޮމިޝަނުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް ވިދާޅުވީ އެ ވަޅި އަކީ ކޮމިޝަންގެ ތަހުގީގަށް މިހާރު ވަރަށް މުހިންމު ހެއްކެއް ކަމަށެވެ.

"ކޮމިޝަނުން މިދަނީ ފުލުހުންކޮށްފައިވާ ތަހުގީގަށް ރިއާޔަތްކޮށް، ރާއްޖެއިން ބޭރަށް އެ ވަޅި ފޮނުވައިގެން މިހާރު ހެދެން ހުރި ފޮރެެންސިކް ތަހުލީލުތައް ހަދަމުން،" އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި މިސްބާހު ވިދާޅުވިއެވެ.

ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ރިޟުވާންގެ މައްސަލައިގައި ހިމެނޭ ވަޅިއާ ބެހޭ ގޮތުން، ސާބިތު ހިފޭވަރުގެ ސައްހަ މައުލޫމާތެއް ފޯރުކޮށްދޭ ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މަރު ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނުގައި ވެއެވެ. އެ ބަޔާނާއެކު ކޮމިޝަނުން ވަނީ މީސްމީޑިއާ މެދުވެރިކޮށް އެ ވަޅީގެ ފޮޓޯ ވެސް އާންމުންނާ ހިއްސާކޮށްފައެވެ.

މަރު ކޮމިޝަނުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވަޅިއަކީ އޮގަސްޓް 7، 2014 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި މ. ޝައިނިން ސްޓާ އަހުމަދު ރިޟުވާން ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ 21 ވަނަ ފްލެޓު ކައިރިން ގަދަކަމުން ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓުނު ވަޅިއެވެ.

މިމައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން ވެސް ކޮމިޝަނުން ދީފައިވެއެވެ.

މ. ޝައިނިންގ ސްޓަރ އަހްމަދު ރިޟްވާން ޢަބްދުﷲ (28އ) ވީނުވީތަނެއް ނޭނގި ގެއްލިގެން ފުލުހަށް ހުށައަޅާފައިވަނީ 2014 އޮގަސްޓް 13 ވަނަ ދުވަހުއެވެ.

ރިޟްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. މި ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފައެވެ.

ސުއައިދު ދޫކޮށްލުމާއެކު ރާއްޖޭން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފައެވެ. އާލިފް ރައޫފަކީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތުކުރި އަޒްލިފް ރައޫފްގެ ކޮއްކޮއެވެ. އޮގަސްޓު 8، 2014 ގައި ރިޟުވާން ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވާ އިރު އާލިފަކީ ރިޟުވާން ހިފަހައްޓައި ގަދަކަމުން އެރުވި ކަމަށް ބުނާ ރަތް ކާރުގެ ވެރިޔާއެވެ.

ރިޔާސީ ކޮޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ރިލްވާން ވަގަށް ނެގުމަށް ފަހު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ އޭނާ މަރާލައިފައެވެ. އެކަމަކު އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކަށް ދައުވާއެއް ނުކުރެއެވެ.

ރިޟްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގާ ގުޅޭ ރިޕޯޓެއް ވެސް ރައީސަށް އަރުވާފައިވެއެވެ. މިހާތަނަށް އެ ކޮމިޝަނުން ކޮށްފައިވާ ތަހްގީގުން ނޫސްވެރިޔާ ރިޟްވާން މަރާލާފައިވާކަން އެނގިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ. މިމައްސަލައިގެ ރިޕޯޓް ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށްވެސް ފޮނުވިއެވެ.

ނަމަވެސް ތަހްގީގަށް ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވުމުން ޕީޖީ އޮފީހުންވަނީ އެކަންކަން ފުރިހަމަ ކުރުމަށްފަހު ދައުވާކުރުމަށް މައްސަލަ އަބުރާ ކޮމިޝަނަށް ފޮނުވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ސަނީ

11-Feb-2021

ފުރަތަމަ ޔަގީންކުރަންޖެހެނީ ތީ ވަޅިއެއްތޯ ނުވަތަ ވަޅިއަކަށް ށައްކުކުރެވޭ އެހެންއެއްޗެއްތޯ?



ޓްރެންޑިން