މަރު ކޮމިޝަންގެ މެންބަރު މިޞްބާޙް ޢައްބާސް
މަރު ކޮމިޝަންގެ މެންބަރު މިޞްބާޙް ޢައްބާސް
މަރު ކޮމިޝަންގެ ތަޙުޤީޤަށް 11 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މިއަދު ނޫސްވެރިންނާ ޙިއްޞާ ކުރައްވަމުން އެ ކޮމިޝަންގެ މެންބަރު މިޞްބާޙް ޢައްބާސް ވިދާޅުވީ، މިހާތަނަށް 11 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފައިވާއިރު، ކޮމިޝަނުން ބަލަމުންއަންނަ މައްސަލަތަކުގެ ބޮޑުބައި ނިމިފައިވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ގެއްލުވައިލާފައިވާ މައްސަލައިގެ ތަޙްޤީޤާ ގުޅޭގޮތުން މިޞްބާޙް ވިދާޅުވީ، އަޙްމަދު ރިޟުވާން ޢަބްދުﷲގެ މައްސަލައަކީ، އެ ކޮމިޝަނުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީގެން މިހާރު ތަހުޤީޤު ކުރަމުންދާ އެއް މައްސަލަ ކަމުގައެވެ.

މިޞްބާޙް އިތުރަށް ވަނީ، މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން އެ ކޮމިޝަނުން ޢާންމުކޮށްފައިވާ ތޫނު ހަތިޔާރެއްގެ ފޮޓޯއާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އަދި، އެ ހަތިޔާރާ ގުޅޭގޮތުން ޝަރީޢަތަށް ސާބިތުކުރެވޭ ފަދަ އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދޭ ފަރާތަކަށް 500000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާކަން، އިއްޔެ އެ ކޮމިޝަނުން ޢާންމުކުރި ނޫސް ބަޔާނާ ހަވާލާދީ، އެ ބޭފުޅާ ފާހަގަކުރެއްވިއެވެ.

އަދި، މި މައްސަލައާ ގުޅޭ މަޢުލޫމާތު އިނގޭ އިތުރު ބަޔަކު ވާނެކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭ ކަމަށާއި، އެ ފަރާތްތަކުން ކޮމިޝަނަށް މަޢުލޫމާތު ޙިއްޞާ ކުރުމުގައި ފަސްނުޖެހުމަށް މިޞްބާޙް އެދިވަޑައިގެންނެވިއެވެ. އަދި އެ ވަޅިއަކީ ތަޙުޤީޤަށް މުހިއްމު ހެތްކެއް ކަމަށާއި، އެވަޅި ރާއްޖެއިން ބޭރަށް ފޮނުވައިގެން ފޮރެންސިކް ތަޙުޤީޤު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިސްބާޙް އިތުރަށް ވިދާޅުވީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ގެ އަތުގައި ހުރިކަމަށް ބުނާ ރިޟްވާނާއި، ޑރ. އަފްރާޝީމްގެ މައްސަލައާއި ގުޅުންހުރި ހެކިތައް ހޯދާނެ ކަމަށެވެ. އަދި އެހެން ތަނެއްގައި ހުރި ހެތްކެއް ވިޔަސް ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކޮމިޝަނުން ބަލަމުން އަންނަ 27 މަރުގެ މައްސައާ ގުޅިގެން ހެކިހޯދުމާއި، ބަޔާން ނެގުން ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން