ގއ. މާމެންދޫ
ގއ. މާމެންދޫ
ގއ. މާމެންދޫގައި މިމަހުގެ 8 ވަނަ ދުވަހުގެ ރޭ ހިންގި ގްރޫޕް މާރާމާރީގައި ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔު ވަރަށް ލާއިންސާނީކޮށް މަރާލި މައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ، ފެބްރުއަރީ 8 ވަނަ ދުވަހުގެ ރޭ 22:10 ހާއިރު ވަޅީންނާއި ދަގަނޑުބުރިން ޙަމަލާދީ އުދައްޔު މަރާލި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރު ކުރި، 18 އަހަރުގެ މީހާއާއި، 25 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށެވެ.

އޭގެ އިތުރުން އުދައްޔުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ފުރަތަމަ ހައްޔަރު ކުރި 27 އަހަރުގެ މީހާއާއި، 23 އަހަރުގެ މީހާއާއި، 18 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ދެމީހުން 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކުރިއިރު، އަނެކަކު 10 ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔު މަރާލި މާރާމާރީގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރަށް ގދ. ތިނަދޫ ހޮސްޕިޓަލްގައި އަދިވެސް ގެންދަނީ ފަރުވާދެމުންނެވެ. އޭނާގެ ފުއްޕާމެއަށް ވަނީ ލޭ އެޅިފައެވެ. ނަމަވެސް ޙާލު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ.

ގއ. މާމެންދޫ ގައި ތޫނު އެއްޗަކުން ޙަމަލާދީ މަރާލި އަހުމަދު އުދައްޔުގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އުދައްޔުގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ޙަމަލާދީފައިވާއިރު ބައެއް ޒަޚަމްތަކުގެ ފުންމިނުގައި ފަސް އިންޗި ހުރި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާއަށް ޙަމަލާ ދީފައިވަނީ ބުރަކަށިން ހިތާ ދިމާލަށެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އޮގަނަައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން