ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް
ޕީޖީން އެދުނީ ޢަލީ ވަޙީދަށް ޓްރެވަލް ޑޮކިމެންޓެއް ދޫކޮށްދިނުމަށް ކަމަށާއި، ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު ކުރީގެ މިނިސްޓަރ ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން ޢަލީ ވަޙީދު ރާއްޖެއިން ފުރައިގެން ގޮސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ކޯޓު އަމުރުގައި އޮތް 4 މަސްދުވަހުގެ ތެރޭގައި ޢަލީ ވަޙީދު އެނބުރި ވަޑައިނުގެންފި ނަމަ، އޭނާގެ މައްޗަށާއި، އޭނާ ޖާމިނު ކޮށްފައިވާ މީހާގެ މައްޗަށް ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް، އެކަމަށް ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިން ކުރަމުން ގެންދާނެ ކަމަށްވެސް ޕީޖީ އޮފީހުން މިއަދު ވަނީ ބުނެފައެވެ.

ޕީޖީން ބުނީ ވަކި މީހަކަށް ޖާމިނުކޮށް ޕާސްޕޯޓު ދޫކުރުމަށް އިޢުތިރާޟްކުރާކަމަށް ކޯޓުގައި ދަންވާފައި ވާނެކަމަށެވެ. އަދި، ޖާމިނުކޮށް ވަކި މުއްދަތަކަށް ގައިދުކޮށްފައިވާ ޓްރެވެލް ޑޮކިއުމަންޓެއް ދޫކުރުމަށް ދެންނެވި ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، ޢަލީ ވަހީދަކީ އެހެން ރެކޯޑެއްވެސް އޮތް މީހަކަށް ނުވާތީ އާއި، ޑޮކްޓަރު ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލައި މީހަކު ޖާމިނުކުރުމަށްފަހު 4 މަހަށް ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކުރުމަށް ނިންމެވީ ޝަރީއަތުން ކަމަށް ޕީޖީން ނެރުނު ބަޔާނުގައި ވެއެވެ.

"އެގޮތަށް ޝަރީއަތުން ނިންމެވުމާ ގުޅިގެން ޖާމިނު ކުރެވެނީ އެކަށީގެންވާ މީހެއްތޯ ކަށަވަރުކުރުމަށް ދައުލަތުން އެދޭކަމަށް ދެންނެވުމުން، ޖާމިނުކުރުވަނީ ކާކުތޯ ޝަރީއަތުން ސުވާލުކުރުމުން ޢަލީ ވަޙީދު ބުނެފައިވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ސްޓޭޓް މިނިސްޓަރެއްކަމުގައިވާ އަސްޢަދު ޢަލީ (އަޑުބަރޭ) އާއި ކަމަށެވެ. އެދުވަހު ޕާސްޕޯޓު ދޫކުރުމަށް ނިންމި ލިޔުމާއި، ޖާމިނުކުރުވި ލިޔުން ހޯދުމަށް ކުރި މަސައްކަތުން އަދި މިހާތަނަށް ކޯޓުން ދައުލަތާ އެ ލިޔުންތައް ޙިއްސާކޮށްފައެއް ނުވެއެވެ." ޕީޖީގެ ބަޔާނުގައި ވެއެވެ.

ޢަލީ ވަހީދު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަޙުޤީޤު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފަށާފައިވަނީ ޖުލައި 2020 ގައެވެ. އެ ތަޙުޤީޤުގެ ބޭނުމަށް، އެމައްސަލައިގައި ތުހުމަތު ކުރެވޭ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް، 10 ޖުލައި 2020 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުށަހެޅުމުން، އެދުވަހުން ފެށިގެން، 9 އޮކްޓޫ ބަރު 2020 ވަނަ ދުވަހުގެ ނިޔަލަށްޢަލީ ވަޙީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.

އެ އަމުރުގެ މުއްދަތު ހަމަވުމުން، ޕާސްޕޯޓު ހިފެހެއްޓިފައިވާ މުއްދަތު އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުށަހެޅުމުން، 05 ޖަނަވަރީ 2021 ދުވަހުގެ ނިޔަލަށް ޕާސްޕޯޓު ހިފެއްހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގައި ޖިނާއީ ކުށެއްގެ ދަޢުވާ އުފުލުމަށް އެކަށީގެންވާ ހެކި ލިބިފައިވާތީ ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ ބަލައިގެންފައިވަނީ 14 ނޮވެންބަރު 2020 ވަނަ ދުވަހުއެވެ.

ޢަލީ ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޖުމްލަ 7 ދަޢުވާއެކެވެ. އެ ދަޢުވާތަކަކީ ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ އަނިޔާއެއްކުރުމުގެ ކުށުގެ ދަޢުވާ އާއި، ޖިންސީ ޢަމަލެއް ހިންގުމަށް އެދުމުގެ ދެ ދަޢުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ގޯނާކުރުމާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނީ 18 ނޮވެންބަރު 2020 ވަނަ ދުވަހެވެ.

އެ މައްސަލައިގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުމަށްފަހު، ޢަލީ ވަޙީދުގެ ޕާސްޕޯޓު ނުހިފަހައްޓައިފިނަމަ، ފިލައިގެން ދިޔުމުގެ ފުރުޞަތު އިންތިހާއަށް އޮތުމުން، ޕާސްޕޯޓު ހިފަހައްޓާފައިވާ މުއްދަތު އިތުރުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން، ޕާސްޕޯޓު ހިފަހައްޓާފައިވާ މުއްދަތު، 05 ޖަނަވަރީ 2021 އަށް ހަމަވާތީ، ޕާސްޕޯޓު ހިފަހައްޓާފައިވާ މުއްދަތު

އިތުރުކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގައި ބަޔާންކުރާ ގޮތުގެ މަތިން ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުގައި އެދިފައިވެއެވެ. އަދި މައްސަލައިގެ ދަޢުވާ ކޯޓަށް ހުށަހެޅުމާއެކު ބޭސްފަރުވާއަށް ދިޔުމަށް ޕާސްޕޯޓު ދޫކޮށްދިނުމަށް ޢަލީ ވަޙީދުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެވަގުތު މައްސަލަ ބައްލަވާ ޤާޟީ ޗުއްޓީގައި ހުންނެވުމުން، ޢަލީ ވަޙީދުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ މުއްދަތު އިތުރުކޮށްދެއްވާފައިވަނީ 20 ޖަނަވަރީ 2021 ގެ ނިޔަލަށެވެ.

މައްސަލަ ބައްލަވާ ޤާޟީ ޗުއްޓީއިން އެނބުރި ވަޑައިގަތުމުން، 20 ޖަނަވަރީ 2021 އިން ފެށިގެން ޕާސްޕޯޓު ހިފަހައްޓާފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ކޯޓުގައި އެދިފައިވެއެވެ. އެހުށަހެޅުމާ ގުޅިގެން، މައްސަލަ ބައްލަވާ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު، 20 ޖަނަވަރީ 2022 އާ ހަމައަށް ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކުރައްވާފައިވެއެވެ. އޭގެ ފަހުން، ޢަލީ ވަޙީދު އެދިގެން، ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު މުރާޖަޢާކުރުމުގެ އަޑުއެހުމެއް 24 ޖަނަވަރީ 2021 ވަނަ ދުވަހަށް ތާވަލުކޮށްފައިވެއެވެ. މި މައްސަލައިގައި ބޭސްފަރުވާއަށް ކަމަށްބުނެ ޢަލީ ވަޙީދުގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ޕީޖީ އޮފީހާ ޙިއްޞާ ކޮށްދިނުމަށް އެދުނުނަމަވެސް، 24 ޖަވަނަރީ 2021 ދުވަހުގެ އަޑުއެހުމާ ހަމައަށް އެލިޔުންތައް ޝަރީޢަތުގެ ފަރާތުން ޕީޖީ އޮފީހާ ޙިއްސާކޮށްފައެއް ނުވެއެވެ.

24 ޖަވަނަރީ 2021 ދުވަހު ބޭއްވުނު މައްސަލައިގެ އަޑުއެހުމުގައި ބޭސް ފަރުވާއަށް ދިޔުމަށް ޕާސްޕޯޓު ދޫކޮށްދިނުމަށް ޢަލީ ވަޙީދުގެ ފަރާތުން ކޯޓުގައި އެދިފައިވެއެވެ. އެކަމާ ގުޅިގެން ދައުލަތުން ކޯޓުގައި ދަންނަވާފައިވާނީ، ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލައިފިނަމަ، ފިލައިގެން ދިޔުމާއި އަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ފުރުޞަތު އިންތިހާއަށް އޮތުމުން، ޕާސްޕޯޓު ދޫކުރުމަށް ދައުލަތުން އިޢުތިރާޟްކުރާކަމަށެވެ. އަދި، މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް މި މައްސަލާގައި ފުރިހަމަވާކަމަށެވެ. ބޭސް ފަރުވާއަށް ދިޔުމަށް ޢަލީ ވަޙީދުގެ ފަރާތުން ހުށަހަޅާފައި ވީނަމަވެސް، ކޮންމެ ސިއްޙީ މައްސަލައަކީ ބޭސްފަރުވާއަށް ދިޔުމަށް ޕާސްޕޯޓު ދޫކުރަންޖެހޭ ސަބަބެއް ނޫންކަމަށް ޕީޖީ އޮފީހުން ދަންނަވާފައިވެއެވެ. ފިލާފާނެކަމުގެ އިޙްތިމާލު އޮތް މީހެއްގެ ޕާސްޕޯޓު ދޫކުރަންވާނީ، އެކަށީގެންވާ ގޮތުގައި ރާއްޖެއިން ފަރުވާ ނުކުރެވޭނެ ސީރީއަސް ސިއްޙީ މައްސަލައެއް ހުރެގެން، އާރޖެންޓް މެޑިކަލް އެޓެންޝަން ބޭނުންވާ ފަދަ ޙާލަތެއްގައި އެކަނިކަމަށްވެސް، ޕީޖީ އޮފީހުން ކޯޓުގައި ދަންނަވާފައިވެއެވެ.

އަދި ޢަލީ ވަޙީދު ހުށަހަޅާ މެޑިކަލް ލިޔުންތައް ނުބަލައި، އެފަދަ ޙާލަތެއް އޮތްކަމުގައި ދަންނަވަން ދަތިކަމަށް ފާހަގަކުރުމުން، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިޔުމަށް ލަފާދީ ޓްރީޓޮޕް ހޮސްޕިޓަލްއިން ޑރ. މުޒުނީ ދޫކޮށްފައިވާ ލިޔުމެއް އެވަގުތު ޝަރީއަތުން ދައްކަވާފައިވެއެވެ. އެހެންނަމަވެސް، އެލިޔުމަކީ ކޮންގޮތަކަށް ހޯދާފައިވާ ލިޔުމެއްކަމާއި، ސައްޙަ ލިޔުމެއްކަން ކަށަވަރުކުރުމަކާ ނުލައި، އަދި އެލިޔުމުގައި ގިނަޢަދަދެއްގެ މެޑިކަލް ޓާރމްސް ބޭނުންކޮށްފައިވާތީ، ޚަބީރެއްގެ ރައުޔެއް ހޯދުމަކާ ނުލައި، އެލިޔުމާ ގުޅިގެން އެއްޗެއް ދަންނަވަން ދަތިކަން ދައުލަތުން ޝަރީޢަތުގައި ފާހަގަކޮށްފައިވާނެއެވެ. މީހެއްގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ބަލި ޙާލަތެއް ހުރިކަން އެކަށީގެންވާ ހެކީގެ މައްޗަށް ބަޔާންކޮށްދެވޭނަމަ ބޭސް ފަރުވާއަށް ދިނުމަށް ދައުލަތުން އިޢުތިރާޟް ނުކުރާނެކަމަށާއި، ނަމަވެސް، ޢަލީ ވަޙީދުގެ ކިބައިގައި އެފަދަ ސިއްޙީ މައްސަލައެއް ހުރިކަމަށް އެ ލިޔުމުގެ މައްޗަށް ނިންމެން ނެތްކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ކޯޓުގައި ދަންނަވާފައެވެ.

އެދުވަހުގެ އަޑުއެހުމުގައި ކޯޓުގެ އަމިއްލަ އިސްނެގުމަށް ކޯޓުން ނިންމަވާފައިވަނީ ކޯޓުގެ އަމުރެއްގެ ދަށުން އައިޖީއެމްއެޗްއިން އަލުން ޗެކްއަޕްއެއް ހެދުމަށެވެ. އެގޮތަށް ނިންމަވައި އަލުން ޗެކްއަޕް ހެދުމަށް ކޯޓުން އަމުރުކުރެއްވިއެވެ. މިއީ، މިބާވަތުގެ މައްސަލައެއްގައި، މިޙާލަތުގައި ޢާންމުކޮށް ކޯޓުން ކުރައްވާ ކަމެއް ނޫނެވެ. އެދުވަހުގެ އަޑުއެހުމުގައި އެގޮތަށް ނިންމަވާފައިވާތީ، އެކަން ހިނގަމުންދާ ގޮތް ކޯޓު އޮފިސަރުން މެދުވެރިކޮށް މި އޮފީހުން ބަލަމުން ދިޔައީމެވެ. އައިޖީއެމްއެޗްގެ ލިޔުންތައް ލިބިފައިވާކަމަށް ކޯޓު އޮފިސަރުން މަޢުލޫމާތު ދިނުމުން އެލިޔުންތައް ޙިއްސާކޮށްދިނުމަށް އެދިފައިވާނެއެވެ. އެހެންނަމަވެސް، މިހާތަނަށްވެސް އެލިޔުންތައް ދައުލަތަށް ފެނިފައި ނުވާކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އަދި އައިޖީއެމްއެޗްގެ ލިޔުންތަކާ ގުޅިގެން މެޑިކަލް ޑޮކްޓަރެއް ޙާޟިރުކުރުމަށް ނިންމަވާފައިވާކަމަށްވެސް ކޯޓުން މަޢުލޫމާތު ދިން ކަމަށާއި، އެކަމާ ގުޅިގެން 9 ޖަނަވަރީ 2021 ދުވަހުގެ މެންދުރު 30:1 އަށް އަޑުއެހުމެއް ތާވަލުކުރެއްވި ކަމަށް ޕީޖީގެ ބަޔާނުގައި ވެއެވެ.

އަދި 9 ފެބްރުވަރީ 2021 ވަނަ ދުވަހުގެ އަޑުއެހުން 14:30 ގައި ފެށުމަސްފަހު އަޑުއެހުމަށް ކޯޓުން ޙާޟިރުކުރި ޚަބީރެއްގެ ގޮތުގައި ކަށީގެ ޚާއްޞަ ޑޮކްޓަރެއްކަމުގައިވާ ޑރ. ޝާން ޔޫސުފް ޙާޟިރުކުރެވުނެވެ. ޑރ. ޝާން ޔޫސުފް ވިދާޅުވީ، މެޑިކަލް ލިޔުންތަކުގައި ސިރިއަސް މައިބަދައިގެ ޑިސްކް މައްސަލައަކާ ގުޅިގެން ސާރޖަރީއެއް ހެދުމަށް ޢަލީ ވަޙީދުއަށް ޑޮކްޓަރު ލަފާދީފައިވާކަމަށާއި، "ޢަލީ ވަޙިދުގެ ހުރި ކޮމްޕްލިކޭޝަންތަކުގެ ސަބަބުން ރާއްޖެއިން އެ ސަރޖަރީ ހެދެން އޮތްނަމަވެސް، މިތަނުގައި އެކަށީގެންވާ އިކުއިޕްމަންޓް ވެސް ނެތުމާއެކު ދިވެހިރާއްޖޭގައި ސަރޖަރީ ހަދަން ރެކޮމެންޑް ނުކުރާކަމަށާއި، ދިވެހިރާއްޖޭގައި މިސަރޖަރީ ހަދައިގެން ފޭޓަލްވެސް ވެފައިވާ ކަމަށާއި، އެގޮތުން ވަރަށް ފަހުން ވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައިވާ" ކަމަށެވެ.

ޑޮކްޓަރުގެ ބަޔާނާބެހޭގޮތުން ދައުލަތުން ދެކެނީ ކޮން ގޮތަކަށްތޯ ޝަރީޢަތުން ސުވާލުކުރެއްވުމުން، މީހެއްގެ ބޭސްފަރުވާ އަށް ދައުލަތުން ހުރަސް ނާޅާނެ ކަމަށާއި، ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށްދިއުމަށް ހުއްދަދިނުމަށް އިޢުތިރާޒް ނުކުރާކަމަށާއި، ނަމަވެސް އެކަން ކުރުމަށް ދައުލަތުން އެދެނީ ޕާސްޕޯޓު ދޫކުރުމުގެ ބަދަލުގައި ޕާސްޕޯޓު ހިފަހައްޓާފައި އޮތް އޮތުން އެގޮތުގައި ދަމަހައްޓައި، މީހަކު ޖާމިނުކުރުވުމާއެކު ވަކި މުއްދަތަކަށް ބޭސްފަރުވާކުރުމަށް ދިވެހިރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަކުރާ ޓްރެވަލް ޑޮކިއުމަންޓެއް ދޫކޮށްގެންކަމަށް ދެންނެވި ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އެކަމާގުޅިގެން ޢަލީ ވަހީދުގެ ފަރާތުން ބުނެފައިވަނީ ޢަލީ ވަޙީދަކީ ކުށުގެ ރެކޯޑު އޮތް މީހެއް ނޫންކަމަށާއި، މީގެ ކުރިން ޝަރީޢަތަށް ފިލާފައިނުވާނެކަމަށާއި، ޖިންސީ ކުށުގެ ދަޢުވާ އުފުލިފައިވާ މީހެއްކަން އެނގޭގޮތަށް ޓްރެވެލް ޑޮކިއުމަންޓެއް އޮތުމަކީ އޭނާގެ އަބުރަށް ހުތުރުކަމެއްކަމަށާއި، ޓެރެވެލް ޑޮކިއުމަންޓެއްގެ އެހީގައި އެކަށީގެންވާ ގޮތުގައި ފަރުވާ ހޯދުމަށް ދަތުރު ކުރުމަށް ހުރަސް އެޅޭނެކަމަށެވެ. ޢަލީ ވަހީދު ދެއްކި ވާހަކަތަކުގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ، ޢަލީ ވަހީދުގެ ބޭސްފަރުވާއަށް ބޭ ނުންވަނީ ޕާސްޕޯޓު ނޫންކަމަށެވެ. ޖިނާއީ ދަޢުވާއެއް އުފުލިފައިވާ މީހެއްގެ ޙައްޤުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިންވެސް ގައިދުކުރެވިފައިވާކަމަށާއި، ޢަދުލް އިންޞާފު ޤާއިމުވުމުގެ ޙައްޤަކީ ހަމައެކަނި ދަޢުވާލިބޭ މީހާގެ ޙައްޤެއް ނޫންކަމަށާއި، އެއީ ދަޢުވާލިބޭ މީހާގެ އިތުރުން މައްސަލައިގައި އަނިޔާލިބުނު މީހުންނާއި، މުޅި މުޖުތަމަޢުގެ ޙައްޤެއް ކަމަށާއި، އެހެންކަމުން ކޯޓުން ނިންމާ ނިންމުންތައް ބިނާވާންޖެހޭނީ ހަމައެކަނި ދަޢުވާލިބޭ މީހާގެ މަޞްލަޙަތު ބުރަވާ ގޮތަކަށް ނޫންކަމަށާއި، މިދެންނެވުނު އެންމެހާ ޙައްޤުތައް ބެލެންސްކުރަންވާނެ ގޮތަކަށް ކަމަށެވެ.

ޢަލީ ވަޙިދަކީ މީގެ ކުރިންވެސް ތަޙުޤީޤަށާއި ޝަރީއަތަށް ހުރަސްއެޅޭނެހެން ފުރައިގެން ދިޔުމަށް ފަހު އެނބުރި ނައިސް ހުރި މީހެއްކަމާއި، ޕާސްޕޯޓު ދޫކޮށްފިނަމަ ދިވެހިރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް މަޑުކޮށް ހެކި ނައްތާލާއި، މައްސަލައިގެ ޝަރީޢަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުޞަތު އޮތްހާ ހިނދަކު އެނބުރި ނައުމުގެ ފުރުޞަތު އިންތިހާއަށް އޮތްކަމަށް ޕީޖީން ވަނީ ކޯޓުގައި ދަންނަވާފައެވެ. އަދި މީހަކު ޖާމިނުކޮށް ވަކި މުއްދަތަކަށް ޕާސްޕޯޓު ދޫކުރުމަށް ދައުލަތުން އިޢުތިރާޟްކުރަނީ ކީއްވެތޯ ޝަރީއަތުން ސުވާލުކުރުން ވަކި މުއްދަތަކަށް ޝަރުޠުކޮށް ޕާސްޕޯޓު ދޫކުރިކަމުގައި ވިޔަސް، ޢަލީ ވަޙީދު ދިވެހިރާއްޖެއިން ފުރާ ހިސާބުން ފެށިގެން އެއަމުރު ޢަލީ ވަޙިދުގެ މައްޗަށް ތަންނުކުރެވޭނެކަމަށާއިފީޛެއް، މީހަކު ޖާމިނުކުރިކަމުގައި ވިޔަސް، ޢަލީ ވަޙީދުގެ ޖާމިނު ޒިންމާކުރެވޭނެ ކަމާމެދު އެއްވެސް ޔަޤީންކަމެއް ނެތްކަމަށް ދެންނެވި ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީން ބުނީ މިމައްސަލައިގައި، ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްފައިވަނީ ދައުލަތުން އެދިގެން ކަމަށް ބުނެ ފަތުރާ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ. މިމައްސަލައިގައި ޢާންމުވެފައިވާ ކޯޓު އަމުރުގައި ޕީޖީ އޮފީހުން އެދިގެން ނެރެފައިވާ އަމުރެއްކަމަށް އޮތީ ކޯޓުގެ "އިދާރީ އޮޅުމެއް"ގެ ސަބަބުންކަމަށް ކޯޓުން މަޢުލޫމާތު ދެއްވިއެވެ. އަދި އެއީ، ޕީޖީ އޮފީހުން އެދިގެން ނެރެފައިވާ އަމުރެއް ނޫން ކަމަށާއި، އަމުރު ނެރުއްވުމުގައި، ޢާންމުކޮށް މިބާވަތުގެ އަމުރު ނެރުއްވުމުގައި ޢަމަލު ކުރާ އުޞޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާ މައްސަލަ، ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން