ދިވެހިންގެ ލެޔާ ގުޅިފައިވާ ފުޓުބޯޅަ ލެޖެންޑުންނަށް ފުރައްސާރަ ނުކުރުމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ގޮވާލައްވައިފިއެވެ.

ދިވެހި ފުޓުބޯޅަ ބަޠަލުން ކަމަށްވާ ޢަލީ އަޝްފާޤާއި އަކްރަމަކީ ޖިހާދަށް ދިއުމަށް ތައްޔާރުވެގެން ތިބި ބައެއްކަމަށް ރައްޓެއްސަކާ ހަވާލާދީ ޓްވިޓާގައި ޙަރަކާތްތެރިވާ އެކްޓިވިސްޓް ސޫޒަން އިބްރާހިމްފުޅު ބުނެފައިވާތީ އެކަމާ ގުޅިގެން އަޝްފާޤާއި އަކްރަމްގެ ދިފާޢުގައި ކުޅިވަރު ޢާއިލާ އާއި، މުޅި ޤައުމު ވަނީ ތެދުވެފައެވެ. ސޫޒަންގެ ޓްވީޓްގައި ވަނީ އެ ކުޅުންތެރިންގެ ޓީމު ބަލިވެއްޖެ ނަމަ، ދަނޑުވެސް ގޮއްވާލާފާނެ ކަމަށާއި، ދިވެހިން ސިޑިބަރީގައި ތިބެގެން ފުޓުބޯޅަ ބަލަން ނުދަނީ އެހެންވެގެން ކަމަށެވެ.

އެކަމާ ގުޅިގެން ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވީ، ކުޅިވަރަކީ ދިވެހިން އެންމެ ބޮޑަށް އެއްބައިވަންތަ ކުރުވާ އެއް ވަސީލަތްކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ފުޓުބޯޅަ އަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ ކުޅިވަރެއް ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ދިވެހިން ފަޚުރުވެރިވާފަދަ ކާމިޔާބީތައް ހޯދައިދީފައިވާ ލެޖެންޑުންނަށް ފުރައްސާރަ ނުކުރުމަށް އިމްރާން ވަނީ ގޮވާލައްވާފައެވެ.

"ދިވެހި ރާއްޖެއަށް ޓްރޮފީ ހޯދައިދީފައިވާ، އަދި ދިވެހިން އެބަޔަކަށްޓަކާ ފަޚުރުވެރިވާ ފުޓުބޯޅަ ލެޖެންޑުންނަށް ފުރައްސާރަ ކުރުމަކީ ދެރަކަމެއް. މިފަދަ ކަންކަން ތަކުރާރު ނުކުރުން ވަރަށް އެދެން." ދާޚިލީ ވަޒީރު އިމްރާން ވިދާޅުވެފައިވެއެވެ.



އަޝްފާޤާއި އަކްރަމަށް ކޮށްފައިވާ އަސްލެއްނެތް ތުހުމަތުތަކާ ގުޅިގެން އެފްއޭއެމް އިން މިއަދު ބުނެފައިވަނީ، ދިވެހި ކުޅުންތެރިންނަކީ ހަނގުރާމަވެރި ސީރިއާގެ ޖަމާއަތްތަކާއެކު ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއްކަމަށް ބުނެ ދައްކާފައިވާ ވާހަކަތަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި އެ ކުޅުންތެރިންނަކީ އެފަދަ އެއްވެސް ޣައިރު ގާނޫނީ ކަމެއްގައި ޝާމިލުވާނެ ބައެއްކަން އެއްވެސް ގޮތަކުން އެނގިފައިނުވާ ކަމަށާއި އެފަދަ ވާހަކަތައް މީސް މީޑިއާގައި އާންމުވުމުގެ ސަބަބުން ދިވެހި ފުޓުބޯޅަ އާއިލާގެ އިތުރުން ކުޅުންތެރިންނާއި ކުޅުންތެރިންގެ އާއިލާތަކަށް އަގުނުކުރެވޭ ފަދަ ގެއްލުންތައް ލިބެމުންދާތީ އެ މައްސަލަ ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށް އެފްއޭއެމުން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު