މާތްވެގެންވާ މަސްޖިދުލް ހަރަމްގައި ކޮވިޑުން ރައްކާތެރި ވުމަށްޓަކާ ގައިދުރުކޮށްގެން ނަމާދު ކުރަމުންދާއިރު ރާއްޖޭގެ މިސްކިތްތަކުގައި އެގޮތަށް ގައިދުރުކޮށްގެން ނަމާދު ނުކުރާތީ ގިނަބަޔަކު ސުވާލު އުފަށްދަައި ފާޑުކިޔަން ފަށައިފިއެވެ.

ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާތްވެގެންވާ ހަރަމްފުޅު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލައި ނަމާދު ކުރަން ފެށީ ކޮވިޑުން ރައްކާތެރި ވުމަށް ސިއްހީ މާހިރުންގެ ލަފަޔާއެއްގޮތަށް ފިޔަވަޅުތައް އަޅައިގެންނެވެ. އޭގެ ތެރޭގައި މިސްކިތުގެ ޖަމާއަތުގައި ބައިވެރިވެވޭ މީހުންގެ އަދަދު އެތައް ގުނައަކަށް މަދުކޮށް ނަމާދަށް ސަފުހަދާއިރު ގައިދުރުކުރުން ހިމެނެއެވެ. މިހާރުވެސް ހަރަމް ފުޅަށް ވަދެ ނަމާދުގެ ޖަމާއަތް ހަދަނީވެސް ސިއްހީ ގޮތުން ހުރިހާ ރައްކާތެރި ފިޔަވަޅުތަކެއް އަޅައިގެން ގައިދުރުކޮށް އަތްދޮވެ ސެނިޓައިޒްކޮށްގެންނެވެ. މުޅި ގެފުފުޅު ޑިސްއިންފެކްޓްކޮށް ދޮވެ ސާފު ކުރުމުގައި ވެސް ވަރަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދެއެވެ.

ނަމަވެސް މިއާ ޚިލާފަށް ރާއްޖޭގެ މިސްކިތްތަކަށް މީހުން އެރުމުގައި ވެސް މިސްކިތުގައި ޖަމާއަތް ހެދުމުގައި ވެސް ގައިދުރުކަމެއް ނެތުމާއި މާސްކް ނޭޅުމާއި ކޮވިޑުން ރައްކާތެރިވުމަށް އަޅަން ޖެހޭ މުހިންމު ފިޔަވަޅުތައް އަޅަމުން ނުދާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން ސާފުތާހިރުކަމަށް އެއްވެސް މިންވަރަކަށް ނުބެލުމާއި ގައިގޯޅިވެ އުޅުމާއި ރޯގާ ޖެހި ކެއްސާ ހަދާއިރުވެސް މިސްކިތަށް އެރުމާއި ކޮވިޑްގެ ހައިރިސްކް މީހުންވެސް މިސްކިތައް ދިއުން ފަދަ މައްސަލަތައް މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

ރާއްޖޭގެ މިސްކިތްތަކުގައި ޖަމާއަތް ހެދުމުގައި އެއްވެސް ވަރަކަށް ގައިދުރުކަން ނުބަހައްޓާތީ ފާޑުކިޔަމުން ގެންދާ ގިނަ ބަޔަކު އަންނަނީ ހަރަމްފުޅުގައި ޖަމާއަތް ހެދުމާއި ގެފުޅުގައި ޠަވާފު ކުރުން ފަދަ އަޅުކަމުގެ ހަރަކާތްތަކުގައި ގައިދުރުކަން ގެންގުޅޭ މިންވަރު ހާމަކޮށްދޭ ފޮޓޯ ތަކާއި ރާއްޖޭގެ މިސްކިތްތަކުގައި ސަފުހެދުމުގައި ޖަމާއަތް ހެދުމުގައި އެއްގޮތަކަށް ވެސް ގައިދުރުކަމުގެ އުސޫލު އެއްވެސް މިންވަރަކަށް ނުގެންގުޅޭކަން ހާމަކޮށްދޭ ފޮޓޯތައް ހިއްސާކޮށް އަޅާކިޔަމުންނެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން އިންތިހާއަށް މައްޗަށް ގޮސް ކޮންޓްރޯލުން ނައްޓާ ވަރަށް ކަންކަން ދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެޗްޕީއޭއިން ވެސް އަދި އިސްލާމިކް މިނިސްޓްރީން ވެސް މިކަމާމެދު ކަމްބޮޑުވެ މިކަން އިސްލާހު ކުރުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކުރަމުންދާ ތަނެއް ނުފެންނަ ކަމުގައި ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރާއްޖެއަށް ކޮވިޑްގެ ތިންވަނަ ރާޅެއް އަރައި ބަލިމަޑުކަން އިހުނަށް ވުރެ ހަލުއިކަމާއެކު ފެތުރެމުންދާއިރު ކޮންމެ ދުވަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 200 އިން މައްޗަށް ގޮސް ހޮސްޕިޓަލް ތަކުގެ އެނދުތައް ފުރެމުންދާކަމުގެ ބިރުވެރި ސިގުނަލް ސިއްހީ އިދާރާތަކުންނާއި ޑޮކްޓަރުން އަންނަނީ ދެމުންނެވެ. އަދި މިހާރު އަތޮޅުތަކުގައި ކޮވިޑްގެ ބަލިމަޑުކަން އިންތިހާއަށް ގޯސްވެ އެކި ސަރަހައްދު ތަކުގެ މުޖުތަމަޢުގެ ނިސްބަތުން ބަލި ފެތުރެން ފަށާފައިވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން