ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގަވައިދުތަކާ ޚިލާފަށް މާސްކް އަޅާ މީހުން ގިނަކަން ފާހަގަކޮށް ފުލުހުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީން) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ ގިނަ މީހުން މާސްކް އެޅިނަމަވެސް، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މާސްކް ނާޅާ މީހުން ފާހަގަވާކަމަށެވެ.

ސަމީރު ވިދާޅުވީ، މާސްކް އަޅަންވާނީ ނޭފަތާއި އަނގަ އެއްކޮށް ނިވާވާ ވަރަށް ކަމަށް ގައިޑްލައިންގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ދަތް ދޮޅީގައި މާސްކް އަޅައިގެން އުޅޭ މީހުންނާއި، ކަރުގައިި މާސްކް އެލުވައިގެން ތިބޭ މީހުން ވެސް މަދު ނޫން ކަމަށެވެ. އަދި އެއީ މާސްކް އެޅުން ކަަމަށް ފުލުހުން ވެސް ބަލައިނުގަންނާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން ތަންފީޒުކުރާއިރު ފާހަގަ ކުރެވޭ ބައެއް ކަންކަން އެބަހުރި، އެގޮތުން މާސްކް ކޮންމެ ބޭފުޅެއްގެވެސް އޮވޭ، އެހެން ނަމަވެސް މާސްކް އިންނަނީ ދަތްދޮޅީގައި ނުވަތަ ކަރުގައި، އަސްލު މާސްކް އަޅަން މި އިންނަނީ ނޭފަތާއި އަނގައާ އެއްކޮށް ނިވައިވާ ގޮތަށް މާސްކް އެޅުމަށް މި ބުނަނީ. އެކަމަކު އެއާ ޚިލާފަށް ދަތްދޮޅީގައި ނުވަތަ ނޭފަތުން ތިރީގައި ނުވަތަ ކަރުގައި އޮތުމަކީ އެއީ މާސްކް އެޅުންކަމަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން. އެހެންވީމާ ހުރިހާ ފަރާތްތަކުން ވެސް މާސްކް އަޅަންޖެހޭ ގޮތަށް މާސްކް އެޅުއްވުން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް،" ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފުވާނަމަ ޖޫރިމަނާ ކުރުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލު ތަންފީޒު ކުރަމުން ގެންދާނެ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

މާސްކް ނޭޅުމުން ޖޫރިމަނާ ކުރާ އަދަދުތަކަށް ބަލާއިރު، އާންމު ފަރުދެއްނަމަ 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭއިރު، ޤާނޫނީ ޝަޚުސެއްނަމަ 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން