ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކައުންސިލް އިންތިޚާބު ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން ދައްކަނީ "ހޯމްވޯކް ނުހަދަން" ކުޑަކުދިން ދައްކާ ކަހަލަ ބަހަނާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރަށްވައިފި އެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތައް އިންތިޚާބު ނުބޭއްވޭނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައެވެ. އެސިޓީ އަށް އިޝާރާތްކުރަށްވައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އިންތިޚާބު ލަސްކުރަން ދެކޮޅު ހައްދަވާފައެވެ.

"އަޅުގަނޑުގެ ދަރިފުޅުގެ ހޯމް ވޯކެކޭ މިއެކޭ އެއްވަރު. އެވެސް ނުހެދޭން އޮތް އެތައް ގޮތެއް ދަރިފުޅު ކިޔައިދޭ އަޅުގަނޑަށް. ބައެއް ދުވަސް ދުވަހު ފަންސުރަށް ވެފައި އޮންނަ ގޮތެއް. އަނެއް ދުވަހު ގޮނޑިއަށް ވެފައި އޮންނަ ގޮތެއް. ގޮނޑިއަށް ވެފައި އިންނަ ގޮތެއް، ކޮޓަރިއަށް ވާގޮތެއް، ފުރާޅުމަތީގައި ވާކަމެއް، ބޭރުގައި ވާކަމެއް، މިހެން ގޮސް ކިތައްމެ ކަމެއް ކިޔައިދޭ. އަޅުގަނޑު ކޮމިޝަނަރ އޮފް އިލެކްޝަންސް އަށް ވެސް އަދި ހޯމް ވޯކް ހަދާ ކުދިންނަށް ވެސް ދަންނަވަން އޮތީ މިހާރު މިއޮތީ ހޯމް ވޯކް ދީފައޭ. ދެން އެނިންމައިގެން އަވަހަށް އަންނާށޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބު މިހާރު ވެސް ހަމަޖެހިފައި އޮތް ގޮތައް އޮންނާނެ ކަމަށާއި އެކަމަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.

މިހާރު ހަމަޖެހިފައި އޮތީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިޚާބު ބާއްވާށެވެ.

ޤާނޫނު ބުނާ ގޮތުން އަންނަ މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަން ޖެހެއެވެ. އެ މުއްދަތުގެ ކުރިން އިންތިޚާބު ނުބޭއްވިދާނެ ޙާލަތެއް އޮތްކަމަށް އިލެކްޝަންސް ކޮމިޝަނަށް ފެނިއްޖެނަމަ 30 ދުވަހުގެ ތެރޭގައި އެކަން އެ ކޮމިޝަނުން މަޖިލީހަށް އަންގަން ޖެހޭނެ އެވެ.

ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 4،172 އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާއިރު، މިހާތަނަށް 100 އަށް ވުރެ ގިނަ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން