ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުން މަޑުޖައްސާލުމަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރެއް ނެރުނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލަން ހައިކޯޓުން ނެރުނު އަމުރު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެއްވުމުން ނެރުނު ހުކުމުގައެވެ.

ޖިހާދު ކޯޓަށް ޑޮކްޓަރުންގެ ލިޔުންތައް ހުށަހަޅައި އަދި އޭނާ އާއި ޖާމިނުވާނެ މީހަކު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވުމުން ވެސް އޭނާއަށް ރާއްޖެ އިން ބޭރަށް ފުރައިގެން ދެވޭނެ ގޮތް ހަދަން ދައުލަތުން ވަނީ ދެކޮޅު ހަދާފައެވެ.

ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ޖިހާދު ފުރުން މަނާކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ހައިކޯޓުން ކަނޑައެޅި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާތީ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު މައްސަލައަށް ގޮތެއް ކަނޑައަޅަންދެން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާއާއި، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރުނީ ޖިހާދު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފިނަމަ، އޭނާ އަނބުރާ ރާއްޖެ ނައުމުގެ އިހުތިމާލު އޮތްކަމުގައި ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާތީ އާއި އަދި އިސްތިއުނާފު ކޮށްފައިވާ އެ އަމުރާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ޖިހާދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާ ނުކޮށްފިނަމަ، އެ އަމުރު ނެރެފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅާ ޙާލަތުގައި، އެއިގެ ބާރުވެރިކަން ނުހިނގާފަދަ ޙާލަތެއް ކުރިމަތިވުމުގެ އިޚްތިމާލު އޮތަތީ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ނުވަތަ ވަކިގޮތަކަށް ސުޕްރީމް ކޯޓުން އަންގަންދެން، ޖިހާދުގެގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރުކުރާކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

މާލެ އަތޮޅު ފުށިދިއްގަރުފަޅު ކުއްޔަށްދިން މައްސަަލާގައި ޖިހާދުގެ މައްޗަށް، ދަޢުވާކުރުމަށް ދަޢުލަތުންވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. ޚާއްޞަ ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ފުށިދިއްގަރުފަޅު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާގުޅިގެން، ޖިހާދުގެ މައްޗަށް، ދަޢުވާކުރުމަށް ދަޢުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ޖިހާދުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ އެމަނިކުފާނު ނާއިބް ރައީސްގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފިނޭސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާތީ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނެފައިވެއެވެ. މިއީ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ތަޙްޤީޤުކޮށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން